'ފަޒީސް ހިޖާމާ ތެރަޕީ'ގެ ނަމުގައި ހިޖާމާ ފަރުވާ އަދިވެސް ދެމުން އަންނަނީ ހެލްތު މިނިސްޓްރީން ހުއްދަ ނުނަގައި ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެެ.

ސިއްހީ ކަންކަމުގައި ދައްކާފައިހުރި ބައެއް ވާހަކަތަކުގެ ސަބަބުން 'ފަޒީސް ހިޖާމާ ތެރަޕީ'ގެ ވެރިޔާ ފަޒީލާ އުޘްމާނަށް މީގެ ކުރިން ވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން، 2022 ވަނަ އަހަރު ވެސް ހެލްތު މިނިސްޓްރީން ހުއްދަ ނުނަގާ ހިންގާ ކަމަށް ބުނުމުން ހިޖާމާ ޖެހުން ހުއްޓައިލިކަން އޭނާ އިއުލާނުކުރިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، ފަޒީގެ އެ ވިޔަފާރި އަދިވެސް ހިންގަނީ ހެލްތު މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނުނަގާ ކަމަށެވެ. އެހެންވެ، މިހާރު ކޮލިޓީ ޑިޕާޓްމެންޓުން އެކަން ބެލުމަށް ފަހު ލީގަލް ޑިޕާޓްމެންޓަށް އެކަން އަނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ހިޖާމާ ފަރުވާ ދެވެނީ ހެލްތު މިނިސްޓްރީން އެ ކަމަށް ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ހެލްތު މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް އެ ތަން އަދި ސެޓިފައިނުވާ ކަމަށެވެ.

މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދިން ނަމަވެސް މި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމެއް ނުވަތަ އަޅާނެ ފިޔަވަޅެއް ވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. ހަމައެކަނި ބުނީ، ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިންވެސް ހެލްތު މިނިސްޓްރީގެ އެންގުމަށް ފަޒީލާ އުޘްމާން (ފަޒީ) ވަނީ ހިޖާމާ ޖެހުން ހުއްޓާލައިފައެވެ. އޭރު އޭނާ ބުނީ، ހެލްތު މިނިސްޓްރީގެ ހުއްދަނެތި ހިޖާމާ ކްލިނިކް ނުހިންގޭނެކަމަށް އެންގުމުން ހިޖާމާޖެހުން ހުއްޓާލަން ޖެހުނީ ކަމަށެވެ.

މިނިސްޓްރީން އެންގުމުން ހުއްޓާލުމަށް ފަހު އޭރު އޭނާ ބުނީ، ދެން މަސައްކަތް ފަށާނީ އޭނާގެ ކޯސް ނިމި މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށެވެ.

ފަޒީ ހިޖާމާގެ މައްސަލަ ބޮޑުވީ ސިއްހީ ގިނަ ކަންކަން ހިޖާމާ ޖަހައިގެން ހައްލު ކުރެވޭ ކަމަށް އޭނާ ބުނުމުންނެވެ. އެގޮތުން 2022 ވަނަ އަހަރު، ހަކުރު ބަލި އިންސިއުލިންނާ ނުލައި ހިޖާމާއިން ހައްލުވާ ކަމަށް އޭނާ ބުނުމުން ސިއްހީ ގިނަ ބަޔަކު އެކަން ދޮގުކުރިއެވެ.

ދާދި ފަހުން ވެސް ސޯޝަލް މީޑިއާގައި ބައްޔަކާ ގުޅޭ ގޮތުން އޭނާ ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓުތަކެއް ވަނީ އާންމުވެފައެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމާ މެދު ނުރުހުންފާޅުކޮށް އޭނާއަށް ފާޑު ކިޔައިފައެވެ.

ފަޒީއަކީ ހިޖާމާ ޖަހައިގެން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި މީހެކެވެ.