އިންސާނާގެ ހަށިގަނޑަކީ އެކި ހާލަތަތްކުގައި އެކި ގޮތްގޮތަށް ރިއެކްޓު ކުރާ އެއްޗެކެވެ. މިއިން އެއް ހާލަތަކީ ނިދޭ ވަގުތެވެ. ނިދެން ގާތްވެ ދެބަދޭތެރޭ އޮންނަ ވަގުތު ކުއްލިއަކަށް ސިއްސައިގެން ދިޔުމަކީ ކޮންމެ މީހަކުހެން ތަޖުރިބާ ކުރާ ކަމެކެވެ. ނަމަވެސް މިހެން ވަނީ ކީއްވެ ހެއްޔެވެ؟

މީހާ ނިދެމުން ދަނިކޮށް ވަޅުގަނޑަކަށް ވެއްޓި ނުވަތަ އިމާރާތަކުން ވެއްޓޭ އިހުސާސް ކުރެވި ކުއްލިއަކަށް ހޭލެވޭ ފަހަރު ވަރަށް އާދެއެވެ. މިއީ އެއްބައި ފަހަރަށް މީހާގެ ނިދި ވެސް ގެއްލޭ ކަމެކެވެ. އެހެންވީމާ މިހެން ވާ ސަބަބު ހޯދާލަން ރަނގަޅު ވާނެއެވެ.

ކުއްލިއަކަށް ސިއްސައިގެން ގޮސް މުޅި ހަށިގަނޑު އެއްކޮށް ތެޅިގަންނަ މިފަދަ ރިފްލެކްސްތަކަކީ އިންސާނާއަށް ވެސް އެއަށް ބާރު ނުފޯރުވޭ ފަދަ ކުދި ކުދި ކަންތަކެވެ. އަދި މިއިން ގިނަ ކަންތައްތައް ވަނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. ނަމަވެސް މިފަދަ ރިއެކްޝަންތައް ދެނެގަތުމަކީ އެވަގުތު ހަށިގަނޑަށް އެންމެ ބޭނުންވާނެ ކަންތައް ދެނެގަންނަން ލިބިގެންދާނެ ބޮޑު އެހީއެކެވެ.

މިފަދަ ބައެއް ރިއެކްޝަންތަކުގެ ތެރޭގައި ހަށިގަނޑު މާ ބޮޑަށް ފިނިވުމުން ތުރުތުރު އެޅުން ހިމެނެއެވެ. މިއީ ހަށިގަނޑަށް ކުއްލި ހޫނުކަމެއް ގެނެސްދިނުމަށް ދިފާއީ ނިޒާމު ކުރާ ކަމެކެވެ. ގިނަ އިރު ފެނަށް އަތް ލުމާއެކު އެ މޭލިކައިފައި ހުންނަ ހުރުމަކީ ތެތް އަތަކުން އެއްޗެހީގައި ހިފަން ފަސޭހަ ކޮށްދޭ ކަމެކެވެ.

ހަމައެގޮތަށް ނިދި ނިދި އޮންނަ ވަގުތު ކުއްލިއަކަށް ހޭލެވޭ ކަމަކީ ވެސް އޭގެ ފަހަތުގައި ސަބަބެއް އޮންނާނެ ކަމެކެވެ. އިނގިރޭސި ބަހުން "ހިޕްނިކް ޖާކް" ކިޔާ މި ރިއެކްޝަންގެ ސީދާ ސަބަބު ހޯދުމަށް ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ތިއަރީއެއް އެބައޮތެވެ.

މި ތިއަރީގައި ބުނަނީ އިންސާނާ ނިދޭ ވަގުތު އޭނާގެ ނާވަސް ސިސްޓަމްގެ ސްޕީޑުވެސް މަޑުވާ ކަމަށެވެ. މިގޮތަށް ނާވަސް ސިސްޓަމް އެއްކޮށް މަޑުވާ މަޑުވުމާ ގުޅިގެން ބޭއިހުތިޔާރުގައި އިންސާނާގެ ހަށިގަނޑު ކުއްލިއަކަށް ތެޅިގަންނަނީއެވެ.

މީގެ ފަހަތުގައި މީހާގެ އެ ދުވަހުގެ މަސައްކަތުގެ ހާލަތުވެސް ސަބަބަށް ވެދާނެއެވެ. ބައެއް ފަހަރަށް ކެފެއިންގެ ސަބަބުން ވެސް ނިދާއިރު މިހެން ވެދާނެއެވެ. މިއީ އެއްވެސް ހާލަތެއްގައި ނުރައްކާތެރި ކަމެއް ނޫނެވެ. އެކަމަކު މިއީ ކޮންޓްރޯލު ކުރެވިދާނެ ކަމެއް ކަމަށް ބައެއް ސައިންޓިސްޓުން އިޝާރާތް ކުރެއެވެ.

ހިޕްނިކް ޖާކް ކޮންޓްރޯލު ކުރުމަށް ނިދުމުގެ ރަނގަޅު ޝެޑިއުލެއް ހެދިދާނެއެވެ. އެއީ އަބަދުވެސް އެއް ގަޑިއެއްގައި ނިދުމަށް އާދަކުރުމަށް މަސައްކަތް ކުރުން ކަމުގައި ވެސް ހެދިދާނެއެވެ. އޭގެއިތުރުން ނިދުމުގެ ކުރީން ފޯނު ފަދަ އަލިގަދަ އެއްޗެއްސާ ކުޅުމާ ދުރުވުން ވެސް ރަނގަޅުވާނެއެވެ.

މަސްދަރު : އެމްއެސްއެންް ހެލްތު