04 Jun 2024, 21:40
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން 'ވިކްޓިމް ސަޕޯޓް'އަށް ޚާއްސަ ނިއުސްލެޓާއެއް އިފުތިތާހުކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ"ނިޔާވެހި"ނިއުސްލެޓާ ނެރެން ފެށި މަގުސަދަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށްގެން، ވިކްޓިމް ސަޕޯޓަށް ޚާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުން ކަމަށެވެ.
އެގޮތުން ޕީޖީ އޮފީހުން ބުނީ ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ ކަހަލަ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓާގައި ޝާއިޢުކުރާނެ ކަމަށެވެ.
ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަކީ، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި މި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ ބޭފުޅުން އަހުލުވެރިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
މިސާލަކަށް، ކުޑަކުދިން ޢަދުލުގެ ނިޒާމާގުޅޭ މުހިންމު ގަވާއިދެއް އަލަށް އެކުލަވާލައިފިނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ނިންމެވުމަކުން މިހާރު ޢަމަލުކުރަމުންދާ އުޞޫލަކަށް ބަދަލު ގެނެސްފިނަމަ، އެކަމެއްގެ މަޢުލޫމާތު، މިދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެއް ގޮތަކަށް ލިބިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީކަމަށް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ ދާއިރާގެ ކަންކަމާބެހޭ މަޢުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓާއެއް ނުވަތަ އެނޫންވެސް ޕަބްލިކޭޝަނެއް މިވަގުތަކު ނެތް ކަމަށާއި މިއީ މި މަސައްކަތްކުރައްވާ ބޭފުޅުންނަށް އޮތް ހުސްކަމެއް ކަމަށެވެ.
"ނިޔާވެހި" ނިއުސްލެޓާއަކީ މި ހުސްކަން ފިލުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރާ މަސައްކަތެއް ކަމަށް ބަޔާނުގައިވެއެވެ.
ޕީޖީ އޮފީހުން ވަނީ މި ނިއުސްލެޓާ ލިޔުމުގެ ފުރުސަތު ދާއިރާގެ ފަންނީ ބޭފުޅުންނަށް ހުޅުވާލައިފައެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ސަބްސްކްރިޕްޝަން ބޭސްޑް ނިއުސްލެޓާއަކަށް މި ނިއުސްލެޓާ ބަދަލުކުރުން ކަމަށެވެ.
"ނިޔާވެހި" ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު އެއްފަހަރެވެ.