04 Jun 2024, 21:07
ދަރިވަރުންނަކީ އަމިއްލައަށް ކިޔެވުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި، ސްކޫލްތަކުން ބޭނުންކުރާ ވައިބާ ގުރޫޕުތައް ޓީޗަރުންނަށް އެކަނި މެސެޖު ކުރެވޭހެން ހަދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ބާރުއެޅުމަށް ސްކޫލުތަކުން ކުރާ މަސައްކަތް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރަން ޖެހޭކަމަށެވެ.
އެގޮތުން، ސްކޫލުތަކުން ބެލެނިވެރިންނާ މުއާމަލާތްކުރަން ބޭނުންކުރާ މަންސަތަކަކީ އެއް ފަރާތުން މުއާމަލާތު ކުރެވޭ ކޮމިއުނިޓީ ގްރޫޕުތަކަކަށް ހެދުމަށް އެ ބަޔާނުގައި ވެއެވެ. އަދި މި ކޮމިއުނިޓީ ގްރޫޕުތައް ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ، ރަސްމީ މުއާމަލާތްކުރުމަށް އިތުރު ގްރޫޕެއް ހަދާނަމަ، ވަކިވަކި ކީސްޓޭޖުތަކަށް ނުވަތަ ގްރޭޑްތަކަށް ޚާއްސަ ގްރޫޕެއް ހެދިދާނެ ކަމަށެވެ.
"މިއާއެކު، ބެލެނިވެރިން މުދައްރިސުންނާ މުއާމަލާތްކުރެއްވުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށް ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ސްކޫލުތަކުގެ ކޮމިއުނިޓީ ގްރޫޕުތަކުގައި ވެސް، މެސެޖުކުރާ އެންމެ ލަސް ގަޑިއަކީ ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނެހެދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ދަރިވަރުންނާ ހަވާލުކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް މިފަދަ ގްރޫޕުތައް ބޭނުން ކުރުމުގެ ބަދަލުގައި، ދަރިވަރުން އަމިއްލައަށް އުނގެނުމަށް ޒިންމާވާނެ ފަދަ އާދަތައް ގެންގުޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މިފަދަ ގްރޫޕުތައް ބޭނުން ކުރަން ވެސް ވަކި ގަޑިތަކެއް ކަނޑައަޅާފައެވެ.
މި ވާހަކަތަކަށް އަލިއަޅުވައި މީގެ ކުރިން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން، ދަރިވަރުންނަކީ ސްކޫލަށް ބޭނުންވާ ތަކެތި ބެލެނިވެރިންނަށް އަންގައިދެވޭވަރުގެ ގާބިލްކަން ހުރި ކުދިންތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.