05 Jun 2024, 00:04
އިންޑިއާގެ އާންމު އިންތިޚާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ ގައުމުގެ ހަމަޖެހުމާއި ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 19ގައި ފެށުމަށްފަހު، މިމަހުގެ އެކެއްގައި ނިންމި އާންމު އިންތިޚާބުން މޯދީ ވަނީ ކާމިޔާބީ އިއުލާންކުރައްވައިފައެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި މިހާތަނަށް ވެރިކަން ކުރާ ބީޖޭޕީއަށް ވަނީ 238 ގޮނޑި ލިބިފައެވެ. އެ ޕާޓީ އިސްވެ އޮންނަ ކޯލިޝަނަށް މިހާތަނަށް 296 ގޮނޑި ލިބި، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިއާ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 234 ގޮނޑިއެވެ.
އެ ނަތީޖާއާއެކު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުފާ ފާޅުކުރައްވައި، ރައްޔިތުން ވެރިކަން ކުރާ ކޯލިޝަނަށް އިތުރު ދައުރެއް ދިނުމުން، ސަރުކާރަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށް ވިދާޅުވެ، މޯދީ ވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
މޯދީއަކީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.
މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ލަކްޝަދީބުގައި ފަތުރުވެރިކަން ޕްރޮމޯޓުކުރަން އެގައުމުން ފެށުމުން، ނައިބު ވަޒީރުންތަކެއް ހިމެނޭ ގޮތަށް އެގައުމާއި މޯދީއަށް ކުޑައިމީސްކޮށް ވާހަކަދެއްކުމުން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނެވެ.
އެ މައްސަލައިގައި ހިމެނޭ، ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.
ނަމަވެސް، ސަރުކާރުން ދަނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ދާދި ފަހުން ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.