05 Jun 2024, 09:57
އެމްޑަބްލިއުއެސްސީން މާލެއަށް ފޯރުކޮށްދޭ ފެނުގެ ޕްރެޝަރު ދަށްވަނީ އެ ކުންފުނީގެ މެއިންޓެނެންސް މަސައްކަތެއް ކުރާތީ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފެނުގެ ޕްރެޝަރު ދަށްވެ، ގިނަ ބައެއް ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން މިއީ އެމްޑަބްލިއުއެސްސީން ގަސްތުގައި ކުރާކަމެއް ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ.
ބައެއް މީހުން ބުނާގޮތުގައި ގޭގެއަށް އެއްގޮތަކަށް ވެސް ފެން ނުލިބުމުގެ ސަބަބުން ޖެހެނީ ފެން ޕަންޕު ހަރުކުރާށެވެ. އަދި އެކަމަށް އެތައް ޚަރަދެއް ދާކަމުގެ ކަންބޮޑުވުން އެމީހުން ފާހަގަކޮށްފައި ވެއެވެ.
މި ޝަކުވާތަކަށް ޖަވާބު ދެއްވަމުން މަތީން "ސަން" އަށް ވިދާޅުވީ، މިފަދަ ޝަކުވާތައް ފާއިދުވީ ދެތިން ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވެސް ލިބިފައި ވާ ކަމަށެވެ.
"ބޮޑަށް ޕްރެޝާގެ މައްސަލަ މި ދިމާވަނި މެއިންޓެނެންސްގެ މަސައްކަތް ކުރާ މި ދަނޑިވަޅުގެ ތެރޭގައި،" އޭނާ ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، ވީހާ ވެސް އަވަހަށް މެއިންޓެނެންސް މަސައްކަތް ނިންމަން ކުންފުނިން މަސައްކަތް ކުރާކަމަށެވެ. އަދި ޝަކުވާތައް ލިބެނީ ކޮން ސަރަހައްދުތަކަކުންތޯ ބަލާ، އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވަނީ މާލޭގެ ފެނުގެ ނިޒާމަކީ ގިނަ ދުވަސްވީ ނިޒާމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ވެސް މިފަދަ މައްސަލަތައް ފެންމަތިވާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ފެން އުފެއްދުމުގެ ގާބިލްކަމާއި، ފެނުގެ ނިޒާމު އަޕްގްރޭޑުގެކޮށް، ފެން ރައްކާކުރުމުގެ ގާބިލްކަން ވެސް އިތުރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވަނީ މިފަދަ ޝަކުވާތައް އެމްޑަބްލިއުއެސްސީގެ ހޮޓްލައިން 105އަށް ގުޅާ ކުންފުންޏާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންނަށް ރަސްމީކޮށް ޝަކުވާ ހުށަހެޅީމައި ވެސް އަޅުގަނޑުމެން އެޓެންޑު ކުރާނަން. މީކީ މާލޭގައި އާ މައްސަލައެއް ނޫން. އެކަމަކު މިފަހުން އެ މައްސަލަ ބޮޑުވީ، އަޅުގަނޑުމެން ކުރަމުން އައި މަސައްކަތެއްގެ ތެރެއިން،" މަތީން ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފުތާތެރޭގައި ފެނުގެ ޕްރެޝަރު އާންމު ހާލަތަށް ދާނެކަމުގެ ޔަގީންކަން މަތީން ދެއްވިއެވެ.