ފަޔަށް ލިބުނު އަނިޔާ އަކާ ގުޅިގެން ފްރެންޗް އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޯކޮވިޗް އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބުން ވަކިވާން ޖެހިއްޖެއެވެ.

ދުނިޔޭގެ އެއް ވަނައަށް ރޭންކް ކުރެވިފައިވާ ޖޯކޮވިޗްގެ ފަޔަށް އަނިޔާވެފައިވަނީ ހަތަރު ވަނަ ބުރުގައި އާޖެންޓީނާގެ ފްރެންސިސްކޯ ސެރުންޑޮލޯ އާ ބައްދަލުކުރި މެޗުގެ ދެވަނަ ސެޓުގެ ތެރޭގައެވެ.

ޖޯކޮވިޗް ބުނިގޮތުގައި އޭނާގެ ކަނާތު ފައިގެ ކަކުލުގައި ކުޑަކޮށް ރިހުމެއް ހުންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ނަމަވެސް މި މެޗުގެ ދެވަނަ ސެޓުގެ ތެރޭގައި ކައްސާލުމުގެ ސަބަބުން ތަދުބޮޑުވީ ކަމަށެވެ.

މި މެޗުގެ ތެރޭގައި އޭނާއަށް ދެތިން ފަހަރު ފަރުވާވެސް ހޯދަން ޖެހުނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އަނިޔާގެ ސަބަބުން އެ ވަގުތުކޮޅު އޭނާގެ ކުޅުން ދައްވިކަން ފާހަގަ ވެގެން ދިޔަ ނަމަވެސް ހަތަރު ވަނަ ސެޓާ ހިސާބުން އަނެއްކާވެސް އޭނާގެ މޮޅު ކުޅުން ދައްކައި، އަނިޔާ އާއެކު ކުޅެ ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށް ޖޯކޮވިޗް ވަނީ ކުއާޓާ ފައިނަލުން ޖާގަހޯދައިފައެވެ.

ނަމަވެސް މެޗު ކާމިޔާބު ކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމުން އޭނާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތުގައި އިތުރަށް ނުކުޅެވޭނެކަން އެނގިގެން ދިޔައެވެ.

ޖޯކޮވިޗް ބުނިގޮތުގައި މި މުބާރާތުން މިގޮތަށް ވަކިވާން ޖެހުމުން ވަރަށް ދެރަވެއެވެ. ނަމަވެސް އޭނާ އާއި އޭނާގެ ޓީމުން މި އުނދަގޫ ނިންމުން ނިންމާފައިވަނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ކަމުގައި ޖޯކޮވިޗް ހާމަކުރިއެވެ.

މި ނިންމުމާއެކު 25 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް ޖޯކޮވިޗް ކުރަމުން ދިޔަ އުންމީދު މި ވަނީ ފަސްކޮށްލަންޖެހިފައެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން މި ފަހަރުގެ ފްރެންޗް އޯޕަން ނިމުމާއެކު ދުނިޔޭގެ އެއްވަނަ ރޭންކްވެސް އޭނާއަށް ގެއްލިގެންދާނެއެވެ. ޖޯކޮވިޗްގެ ބަދަލުގައި އެމަގާމް ލިބިގެންދާނީ މި ވަގުތު ދުނިޔޭގައި ދެވަނައަށް ރޭންކް ކުުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އަށެވެ.

މި އަންނަ މަހުގެ އެއްވަނަ ދުވަހު އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން މުބާރާތް ފަށާނެއެވެ. އަދި ޕެރިސް އޮލިމްޕިކް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. ޖޯކޮވިޗްއަށް މިހާތަނަށް އޮލިމްޕިކް މެޑަލްއެއް ލިބިފައިނުވާތީ މި މުބާރާތުގައި ވާދަކުރުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ.