އޭގެ ތިން ދުވަސް ފަހުން ފަތުޙީ ވިޔަފާރިކަމެއްގައި ރާއްޖޭން ބޭރަށް ދާން ޖެހުނެވެ. ސަވާގެ އެދުމުގެ މަތިން ޑޮކްޓަރަށް ދައްކާލަން ދާން މަދީހާ އެއްބަސްވިއެވެ. އެމީހުން ފުރުމުން ގޭގައި ސަވާއާ އިޝްފާން އެކަނިވިއެވެ. ދެން ހުންނަނީ ވާފިރެވެ. ގިނަވަގުތު އިޝްފާން ގޭގައި ނޫޅޭތީ އެކަމާ ސަވާ ހުންނަނީ ކަންބޮޑުވެފައެވެ. މަންމަމެން ފުރުމުން ވާފިރުގެ އުނދަގޫތައް ވަކިން ބޮޑުވެގެން ދިޔައެވެ. ފެންނަ ކޮންމެ ތާކުން ދިމާކުރުމާ ކުދި ކުދި ގޯނާތައް ކުރަން ފެށިއެވެ.

ކިތަންމެ ފަހަރަކު އެ ވާހަކަ އިޝްފާން ކައިރީގައި ބުނަންވެސް ސަވާ ހިތަށް އެރިއެވެ. އެހެންނަމަވެސް، އެ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ. ގިނަ ވަގުތު އިޝްފާން ގޭގައި ނޫޅޭތީއާ އަދި އުޅޭ ވަގުތުތަކުގައި ވެސް ހަމަހޭގައި ނުހުންނާތީއެވެ.

***

ރީހާން އާއެކު ބޭރުގައި އުޅެފައި ސަވާ ގެއަށް އައިސް ވަތްއިރު، ވާފިރު ބޮޑުކޮޓަރީގެ ސޯފާގައި އިނެވެ. ސަވާ ފެނުމާއެކު، އޭނާ ސަވާއަށް ގޮވާލިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ސަވާ ތުން އަނބުރާލާފައި ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

"ދަނީތަ؟" ސަވާ ދާންފެށުމުންވެސް ވާފިރު އޭނާގެ ގޯނާތައް ހުއްޓައެއް ނުލިއެވެ. އޭނާ ސަވާއަށް ގޮވާލިއެވެ. ސަވާ އަޅާނުލުމުން ވާފިރުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއިރު، އެއީ މަލާމާތުގެ ހިނިތުންވުމެކެވެ. ސަވާ ކިތަންމެ ހިތްވަރުގަދަ ކަމަށް ހެދިގެން އުޅުނު ނަމަވެސް، އޭނާ އެ ހުންނަނީ ވަރަށް ކަންތައްބޮޑުވެ ގޮތް ހުސްވެފައިކަން ވާފިރަށް އެނގެއެވެ. އެހެންކަމުން ވާފިރުގެ ތުންފަތް މަތީގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

ކޮޓަރިއަށް ވަތްގޮތަށް ވަދެ އެނދުމައްޗަށް ދަބަސް އެއްލާލުމާއެކު، ސަވާ އެނދުގައި އިށީނދެލިއެވެ. އެގަޑީގައި އިޝްފާންވެސް ގޭގައި ނޫޅޭނެކަން އޭނާއަށް އެނގެއެވެ. ވާފިރާއެކު އެކަނި ހުންނަން ކިތަންމެ ޖެހިލުންވި ނަމަވެސް، އެނޫން ގޮތެއް އޭނާއަކަށް ނެތެވެ. ގަޑިއަށް ބަލާލިއިރު ރޭގަނޑު ދިހަގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ނިދާ އެއްޗެހި ލައިގެން ސަވާ އެނދުގައި ޖައްސާލާ ފޯނު ބަލާލިއިރު، ރީހާންގެ މެސެޖެއް ލިބިފައި އޮތެވެ. އޮށޯވެ ހަމަޖެހިލާފައި ސަވާ ރީހާންއަށް ގުޅާލިއެވެ.

"ހައި ލޯބީ، ކީއްކުރަނީ؟" ރީހާންގެ ފިރިހެންވަންތަ އަޑު ސަވާގެ ކަންފަތުގައި ޖެހުމާއެކު، އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ކަންބޮޑުވެފައި ހުރިނަމަވެސް، ރީހާންގެ އެންމެ ޖުމްލައަކުންވެސް އޭނާގެ ހުރިހާ ހާސްކަމެއް ފިލައިގެންދެއެވެ. ސަވާގެ ހިތުގައި ރީހާންއާމެދު ވަނީ އިންތިހާ ލޯތްބެވެ. ރީހާންގެ ސަބަބުން އޭނާއަށް އަންނަ ބަދަލުތަކުން އެކަނިވެސް އެކަން ޔަޤީންވެއެވެ.

"ނިދާކަށްނު މި އޮތީ…" ލުއި ހުނުމަކާއެކު ސަވާ ބުނެލިއެވެ.

"އުނދަގޫކުރެވެނީ ދޯ.. އަވަހަށް ނިދާލާ. މާދަމާ ގުޅާނަން އިނގޭ." ރީހާން އެހެން ބުނެލާފައި މަޑުކޮށްލިއެވެ.

"އޯކޭ…" ސަވާ ވެސް ރީހާން އިތުރު އެއްޗެއް ބުނޭތޯ އެއްޗެއް ނުބުނެ އޮންނަން ފެށުމުން އެދެމެދަށް ވެރިވީ ހިމޭންކަމެކެވެ.

"އެއްޗެއް ނުބުނާނަންތަ؟" ސަވާ ސުވާލުކޮށްލިއެވެ.

"ކީކޭ ބުނާ އަޑުތަ ސަވާ އަހާހިތްވަނީ؟" ސަވާ އެ އިންތިޒާރުކުރަނީ ކޮން ބަސްތަކަށްކަން އެނގިހުރެ ރީހާން ބުނެލިއިރު، އެ އަޑުގައިވަނީ ލާނެތްކަމެކެވެ.

"ރީހާންއަށް ނޭނގޭތަ؟" ސަވާ ދެރަވާކަމަށް ހަދާލާފައި އަޑަށްވެސް ހިތާމައިގެ އަސަރުވެރިކޮށްލަމުން ބުނެލިއެވެ.

"ހެހެ. ލަވްޔޫ… އަހަރެން ވަރަށް ލޯބިވޭ. ގުޑް ނައިޓް ލަވް… މިހާރު އޯކޭތަ؟" ރީހާން ސަވާ ކުރެން އަހާލީ ސަވާގެ ޖަވާބު އެނގިހުރެއެވެ.

"ހޫމް… އަހަރެންވެސް ވަރަށް ލޯބިވޭ… ގުޑް ނައިޓް…." އެހެން ބުނެލާފައި ސަވާ ފޯނު ބޭއްވިއެވެ.

*** ޓްރިގަރ ވާރނިންގ***

ފަތިސްނަމާދު ވަގުތަށް އެލާރމްކޮށްލާފައި ސަވާ ސައިޑް ކަބަޑުމަތީގައި ފޯނު ބާއްވާލަމުން ބާލީހުގައި ބައްދާލިއިރުވެސް އެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެއެވެ. އޭރު ވާފިރުގެ ސަބަބުން އޭނާއަށް ލިބިފައިވާ ނުތަނަވަސްކަން ވަނީ އެކީ ކަހަލަ ގޮތަކަށް ފިލައިގެން ގޮހެވެ. ރީހާންގެ ޚިޔާލުތަކުގައި ގެނބިގެން ދިޔަ ސަވާ ގެ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ. އިސާހިތަކު ނިދީގެ ފޮނި އާލަމުގެ ތެރެއަށް އޭނާ ޣަރަގުވެއްޖެއެވެ.

އެނދުގައި އޮތް ވާފިރުގެ ދެލޮލުގައި ނިދީގެ އަސަރެއް ނުވެއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޭނާ އޮތީ އެހެންވެގެން ކަންނޭނގެއެވެ. ހީވަނީ ނަފްސަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވެގެން އުޅޭހެންނެވެ. އެންމެފަހުން ވާފިރު ތެދުވިއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ސަވާއެވެ. ސަވާގެ ރީތިކަމެވެ. ވާފިރު ގޮސް އޭނާގެ ޑްރެސިންޑް ޓޭބަލް ވަތްގަނޑު ހުޅުވާލިއެވެ. އެތަނުގައި ވަކިން އޮތް ތަޅުދަނޑި ނަގާފައި އެ ހިފައިގެން އޭނާ ކޮޓަރިން ނުކުމެލިއެވެ. އޭރު ގޭތެރޭގައ ވަނީ ފަނޑު އަލިކަމެކެވެ. ދެކޮޅު ހޯދާލުމަށްފަހު، ތަޅުދަނޑި ހިފައިގެން ވާފިރު ސިޑިން މައްޗަށް އެރިއެވެ. ފަރާތް ފަރާތަށް ބަލަމުން ގޮސް އިޝްފާންގެ ކޮޓަރިއާ އަރާ ހަމަވެފައި އޭނާ މަޑުޖެހުނެވެ. މަޑުމަޑުން އެކޮޓަރި ތަޅުގައި ހިފާލުމާއެކު، ކޮޓަރި ހުރީ ތަޅުނުލާކަން އޭނާއަށް އެނގުނެވެ. އިޝްފާން ނޫޅޭކަން ޔަޤީން ކުރުމުގެ ގޮތުން ދޮރު ހުޅުވާލާފައި އެތެރެވެސް ބަލާލިއެވެ. މީހަކު ފެންނަން ނެތުމުން އެތެރެއަށް ވަދެފައިވެސް އޭނާ އިޝްފާން ނެތްތޯ ޔަޤީންކުރިއެވެ.

ލިބުނު ހިތްހަމަޖެހުމާއެކު، ނުކުމެ ދެން އޭނާ މިސްރާބުޖެހީ ސަވާގެ ކޮޓަރިއާ ދިމާލަށެވެ. އެ ހިސާބަށް އައިސް ތަޅުދަނޑިއަށް އޭނާ ބަލާލިއެވެ. ކުރީ ދުވަހަކު ސަވާގެ ތަޅުދަނޑި ފަތި ބޮޑުކޮޓަރިން ފެނުމުން އޭނާ ކޮޓަރީގެ ތަޅުދަނޑި ނެގީ އެއްވެސް މީހަކަށް ނޭނގޭގޮތަކަށެވެ. ފަހުން ސަވާ ތަޅުދަނޑި ގެއްލިގެން އުޅެން ފެށުމުން ފަތުޙީ ބުނީ އެ ވާނީ ބޭރަށް ގޮސް އުޅުމުގެ ތެރޭގައި ވެއްޓުނީ ކަމަށެވެ. ސަވާ ތަކުރާރުކޮށް އޭނާ އަތުން ތަޅުދަނޑު ނުވެއްޓޭކަމަށް ބުނި ނަމަވެސް، ދެން އިތުރަށް ތަޅުދަނޑު ގެއްލޭނެގޮތެއް ނުވިސްނުމުން އޭނާވެސް އެ ވާހަކަ ގަބޫލުކުރީއެވެ. އަދި ކޮޓަރީގެ ޑަބަލްކީ ނަގާ އޭނާގެ ތަޅުދަނޑި ފައްޗަށް ލެއްވީއެވެ.

ސަވާގެ ކޮޓަރީގެ ދޮރުގައި ތަޅުދަނޑި ޖަހާލުމަށްފަހު، ހުޅުވާލާފައި ވާފިރު އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ވަނީ ފަނޑު ނޫ އައްޔެކެވެ. މަޑުމަޑުން ގޮސް ސަވާގެ އެނދުކައިރިއަށް ހުއްޓި އޭނާ ފަރުވާތެރިކަމާއެކު، ސަވާއަށް ބަލާލިއެވެ. ބްލޭންކެޓް ތެރޭގައި ފޮރުވިގެން އޮތް ނަމަވެސް، ސަވާގެ އެ ހަށިގަނޑުގެ ފުރިހަމަކަން ވާފިރުގެ ސިކުނޑިއަށް ވެރިވިއެވެ. އޭނާ މަޑުމަޑުން ސަވާގެ ގައިގައި އަޅާފައި އޮތް ރަޖާގަނޑު ދަމާލިއެވެ. އެވަގުތު ނިދީގައި އޮތް ސަވާ ފުރޮޅި ލާފައި ބްލޭންކެޓްގައި ހިފާ މައްޗަށް ހިއްލާލީ ފިނިވެފައިވާ ފަދައަކުންނެވެ. ވާފިރު އަނެއްކާވެސް މަޑުމަޑުން ބްލޭންކެޓަށް ދަމާލިއެވެ. ފަރުވާތެރިކަމާއެކު، ބްލޭންކެޓް އެކީ ނަގާފައި އޭނާ ސަވާއަށް ނަޒަރު ހުއްޓާލިއެވެ. ލާފައި އޮތް ދޫ ހަރުވާޅާއި އަތްކުރު ނައިޓީގައި ސަވާ ފެނުމުން އޭނާގެ ހިތުގައި އުފެދިފައިވާ ނިޔަތް އިތުރަށް ކިލަނބުވާގޮތްވިއެވެ. ސަވާގެ ފައިގައި މަޑުމަޑުން އަތް ޖައްސާލާފައި ފިރުމާލިތަނާ ސަވާ ފައި ތަޅުވާލިއެވެ. މަޑުމަޑުން ސަވާގެ ހަރުވާޅު މައްޗަށް ހިއްލާލަން އުޅުުނު ވަގުތު ސަވާ ގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވި ސަވާ އޭނާއަށް ފެނުނެވެ.

"ކާކު؟" ފަނޑުއަލިކަމުގެ ތެރެއިން އޭނާއަށް ފެނުނު ބޮޑު ކަޅު ހިޔަނި ސިފަވުމާއެކު ސަވާގެ ދެލޯ ބޮޑުވިއެވެ.

"ވާފިރުބޭ… ވާފިރު…" ސަވާއަށް އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެނގިގަނެވުނެވެ.

"ސަވާ… ހާދަ ބިރުގަތީ…" ވާފިރުގެ އަޑުގައިވަނީ އެހެން ކަހަލަ އަސަރެކެވެ. ސަވާ އިތުރަށް ބިރުގަންނަ ގޮތްވިއެވެ.

"ކިހިނެއް މިތަނަށް ވަނީ؟" ކިތަންމެ ޖެހިލުންވީ ނަމަވެސް، އޭނާ ވާފިރަށް ބަލާލާފައި ރުޅިވެރިކަމާއެކު ބުންޏެވެ.

"އެހެރަ ދޮރުން." ވާފިރު ހަމަޖެހިލާފައި ބުންޏެވެ.

"ހަމަ މިހާރު ނުކުމޭ. އިޝްފާންއަށް ގޮވާނަން އިޝްފާން…." ސަވާ ބާރަށް ހަޅޭއްލަވައިގަތެވެ.

"ނޭތޭ އިތުރު މީހަކު. އިޝްފާންވެސް…" ވާފިރު ބުނެލިއެވެ.

"ޓެރެސްއަށް އަރަން ދަނިކޮށް މީދަލެއް ވަންނަނިކޮށް ފެނުނީމަ އައީ. ތަޅުނުލާ ހުރީމަ އެ ވަތްތަނެއް ބަލާލަން ވަދެލީ." އެހެން ބުނެލާފައި ވާފިރު އެ ކޮޓަރިން ނުކުތްނަމަވެސް، އެއީ ކަނޑައެޅިގެން ދޮގުކަން ސަވާއަށް އެނގެއެވެ. އޭނާ ބާލީހުގައި ބައްދާލައިގެން ކޮޓަރިން ވާފިރު ނުކުންނަން ދެން އިނެވެ. ވާފިރު ނުކުތްހެން ހީނުވެ އޭނާ އެ ދިޔާ ބާރުމިނުގައި ގޮސް ތަޅުލާފައި ދޮރުގައި ލެނގިލިއެވެ. އޭރު ބިރުން މީހާ ތުރު ތުރު އަޅައެވެ. އަނެއްކާ ރޭގައި އޭނާއަށް ތަޅުނުލާ ބެހެއްޓުނީހެއްޔެވެ؟ ނޭވާ އަވަސްވެފައިހުރި ސަވާ އޭނާގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ދިޔައެވެ. އޭރު މީހާގެ މޭ ވެސް ހީވަނީ ފިތޭހެންނެވެ. ގައިން ވަރުދޫވާހެން ހީވިއެވެ. އަމިއްލަ ގޭގައި ރައްކާތެރިކަން ނެތްކަމުގެ އިޙްސާސްއާއެކު، އެހިތް ހީވީ ބިރުން ކުދިކުދި ވެދާނެހެންނެވެ. އިޝްފާން ކޮބާ ހެއްޔެވެ؟ މިވަގުތު އޭނާއަށް ހަމައެކަނި ހިމާޔަތް ދެވޭނީ އިޝްފާންއަށެވެ. އެހެން އަތައް އިރަކު ހުރެފައި ގޮސް އެނދުގައި އިށީން ސަވާއަށް އެރޭ ހަތަރު ދަމުވެސް ނިދޭގޮތެއް ނުވިއެވެ. ހީވަނީ ދެންމެ ދެންމެ ވާފިރު އައިސް އެ ކޮޓަރިއަށް ވަދެދާނެހްނެވެ. އެރޭ ހަތަރު ދަމު އެ ފަދަ ހާލެއްގައި ސަވާ އުޅުނުއިރު، އޭނާއަށް އެހީތެރިވާނެ އިތުރު މީހެއް ނެތްކަން ޔަޤީންވުމާއެކު، އިތުރަށް މީހާ ދެރަވެ ހާސްވުން ނޫންކަމެއް ނުވިއެވެ.

ޖެހިގެން އައި ދުވަހު އޭނާ އިޝްފާންއާ އެ ވާހަކަތައް ހިއްސާކުރަން މަސައްކަތްކުރިނަމަވެސް، ހެނދުނުގެއަށް އައިސްވަތް އިޝްފާން ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ހަމައަކު ނޫނެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ.

އެ ދުވަހު ހަތަރު ދަމު އިޝްފާން ނިދީއެވެ. ސަވާ އިޝްފާންއާ ވާހަކަ ދައްކަން މަސައްކަތްވެސް ކުރިނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުވީ އެހެންވެގެންނެވެ. ދެން ހުރީ ރީހާންއެވެ. ރީހާން ގާތު އެ ވާހަކަ ބުނުމުން ރީހާން އޭނާއަށް ހިމާޔަތް ދީފާނެއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ރީހާންއަކީ މިތަނުގައި ހުންނާނެ މީހެއް ނޫނެވެ. އެހެންވިޔަސް މަންމަމެން އަންނަންދެން ކޮންމެވެސް ހައްލެއް ދީފާނެ ނޫންހެއްޔެވެ؟ ރީހާން ލައްވާ ކޮޓަރީގެ ތަޅު ބަދަލުކުރެވިދާނެ ނޫންހެއްޔެވެ؟ ނޫނީ އޭނާ އެކުވެރިއެއްގެ ގެއަށް ދާންވީހެއްޔެވެ؟ އެކި ގޮތްގޮތަށް ސަވާ ވިސްނިއެވެ.

ޖެހިގެން އައި ރޭވެސް ވާފިރުގެ އުނދަގޫ ސަވާއަށް ޖެހުނެވެ. އެރޭ އޭނާ އޮތީ ނުނިދައެވެ. ރޭގެ ފަހުން ނިދާލަންވެސް އޭނާ ބިރުގަންނަނީއެވެ. ކޮޓަރީގެ ދޮރުގައި ތަޅުދަނޑި ޖަހާލާފައި ހުޅުވާލި އަޑަށް އޭނާ ފުންމައިގެން ތެދުވިއެވެ. ތަޅުދަނޑު ގެއްލުނީ ނޫންކަން ސަވާއަށް ޔަޤީންކުރެވުނީ ދެނެވެ. ރޭގައިވެސް އެހެން އޭނާގެ ހިތަށް އެރިއެވެ. މިރޭ އެކަން ޔަޤީން ވެއްޖެއެވެ.

"ސަވާ…" ވާފިރުގެ އަޑުގައި ވަނީ މަސްތުކަމެވެ.

"ހަމަ މިހާރު ނުކުމޭ…" ސަވާ ބުންޏެވެ. އަޑުގައި ތުރުތުރު އެޅުމެއް ވީނަމަވެސް، އޭނާ ހަޅޭއްލަވައިގަތެވެ.

"މަ ބިރުގަންނާނެކަމަށްތަ؟" ވާފިރު ބުންޏެވެ. ވާފިރުގެ ރާގުހުރި ގޮތުން އެކަނިވެސް ރެއަށް ވުރެ ޙާލަތު ނުރައްކާތެރިކަން ސަވާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެނދުން ތެދުވެގެން ކޮޓަރިން ނުކުންނާށެވެ.

"ދަނީތަ؟" ވާފިރު ސަވާއަށް ބަލާލާ ހީނގަތެވެ.

"ކަލޭ ލަދެއް ނުގަނޭތަ މިހިރަ ލަދުކުޑަ މީހާ…" ސަވާ ބުނަމުން ދިޔައެވެ. އޭނާ އަކީ ކާކުކަމާއި ވާފިރަކީ އޭނާގެ ކާކުކަން ސަވާ ވާފިރާ ދިމާލަށް ބުނަމުން ދިޔަ ނަމަވެސް އެކަމުން އެއްވެސް އަސަރެއް ވާފިރަކަށް ނުކުރިއެވެ.

ކޮޓަރިން ނުކުމެވޭނެ ގޮތެއް ނެތުމުން ސަވާ ދެން ބެލީ އޭނާގެ ފޯނު އަތުގައި ޖެހޭތޯއެވެ. ފޯނު ނަގާފައި ފުލުހަށް ގުޅާނަމޭ ބުނެ ނަންބަރަށް ޑައިލްކޮށްލަން ނަންބަރު ޖަހާލެވުނީ ކިރިޔާއެވެ. އެ އައި ގޮތަށް އައިސް ވާފިރު އޭނާގެ އަތުން ފޯނު އަތުލިއެވެ.

"ދެން ގުޅާބަލަ. މި ވާހަކަ އެއްވެސް މީހެއް ކައިރީގަިއ ބުނެގެން ނުވާނެ." ވާފިރު އިންޒާރެއް ދިނެވެ.

"ބުނާނަން." ސަވާ ގެ ދެލޮލުން ކަރުނަ އަންނަމުން ދިޔަ ޙާލުވެސް އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. ވާފިރު އައިސް އޭނާ ހައްޔަރުކޮށްލުމުންވެސް ސަވާ ފައިންނާ އަތުން ވާފިރު ކޮށްޕަމުން ދިޔައެވެ. ރުޅިގަދަވި ވާފިރު ސަވާގެ ހެދުމުގައި ހިފާ ދަމައިގަތުމާއެކު، ހެދުމުގެ އަތާ ދިމާލުން ވީދައިގެން ދިޔަ ނަމަވެސް، ސަވާ މިނިވަންވިއެވެ. އޭނާ ފުރުސަތުގެ ބޭނުން ހިފާ ގޮސް ކޮޓަރިން ނުކުމެ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. ސިޑިން މައްޗަށް އެރި އިޝްފާން ފެނުމާއެކު، ސަވާ ގޮސް އިޝްފާންގެ ގައިގައި ބައްދައިގަނެފައި ރޯން ފެށި އެވެ.

(ނުނިމޭ)