05 Jun 2024, 00:28
ހުޅުލެ ނެރު ކައިރިން މިރޭ ދެ ލޯންޗު ޖެހި, ހަތް މީހަކަށް އަނިޔާވެއްޖެއެވެ.
މެރިން ޕޮލިހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިރޭ 23:00 ހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވުމާ ގުޅިގެން އެ މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތަކެއް މިފަހުން ހިނގާފައިވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އޭނާ ނިޔާވެފައިވެއެވެ.
މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު ވިލިމާލެ ކައިރީގައި ދެ ލޯންޗު އެކްސިޑެންޓުވެ، 13 މީހަކަށް އަނިޔާވެފައިވެއެެވެ.