މި އަހަރުގެ ހައްޖު މޫސުމުގައި އާންމުކޮށް ހޫނުގަދަވާ މިންވަރަށްވުރެ އިތުރަށް ހޫނުގަދަވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް ސައުދީއަށް ވަނީ ވަރަށް ބޮޑަށް ހޫނުގަދަވެފައެވެ.

"މި އަހަރުގެ ހައްޖު މޫސުމުގައި މައްކާ އާއި މަދީނާގައި އާންމު ފިނިހޫނުމިން ހުންނަވަރަށްވުރެ އެއް ޑިގްރީ އާއި ދެ ޑިގްރީ އާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ." ސައުދީގެ މޫސުމާ ބެހޭ ގައުމީ މަރުކަޒުގެ ވެރިޔާ އައިމަން ޣުލާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ދުވަސްވަރު އެއްގޮތަކަށްވެސް ވާރޭއެއް ނުވެހޭނެއެވެ. ވައިގެ ތެތްކަން 25 ޕަސަންޓާއި ހިސާބުގައި ހުންނާނެ ކަމަށާއި ހޫނުމިން މަތިވެ، 44 ޑިގްރީއަށް އަރާނެ ކަމަށް ލަފާކުރާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިއަހަރުގެ ހައްޖު މޫސުން ފެށޭނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިއަން މީހުން ސައުދީ އަރަބިއާއަށް ޒިޔާރަތްކޮށްފައިވެއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ އަހަރު ހައްޖު މޫސުމުގައި 48 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވެ، 2000 އަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރިއެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހަކު ނިޔާވި ކަމަށް އެކި ގައުމުތަކުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ގިނައީ އިންޑޮނޭޝިއާ މީހުންނެވެ.

މި އަހަރުގެ ހައްޖު މޫސުން ހޫނުގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެކަމުގެ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް ސައުދީން ވަނީ ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން އެއާ ކޮންޑިޝަން ޓެންޓްތަކާއި މިސްޓިން ސިސްޓަމްތައް ވަނީ ގާއިމުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޣުލާމް ވިދާޅުވީ "ފިނިހޫނުމިން މައްޗަށް ދާއިރު ދުވާލަކު އެކަށީގެންވާ މިންވަރަކަށް ފެން ބޭނުންވާނެ" ކަމަށެވެ. އަދި ހައްޖުވެރިންނަށް ކާބޯތަކެތި ގެންދަން ޖެހޭނީ ފިނިކުރާ ތަކެތީގައި ކަމަށާއި އެހެން ނޫންނަމަ ކާބޯތަކެތި ހަލާކުވުން އަވަސްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.