ރޭ ހުޅުލޭ ނެރު ކައިރިން ދެ ލޯންޗް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާ ވި ހަތް މީހުންގެ ތެރެއިން ހަ މީހަކު ފަރުވާއަށް ފަހު މިއަދު ދޫކޮށްލައިފިއެވެ.

އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި އެކަކަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މެރިން ޕޮލިހުން ރޭ ކުރި ޕޯސްޓެއްގައި ބުނީ، 23:00 ހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި ކަމަށާއި އެ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިފަހުން ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އޭނާ ނިޔާވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ވިލިމާލެ ކައިރިން ދެ ލޯންޗު ޖެހިގެން 13 މީހަކަށް އަނިޔާވިއެވެ.