05 Jun 2024, 12:40
ޓަގު އޭއެމް އެޑްވޭ އަދި އެ ޓަގާއެކު ރާއްޖެ އައި ބާޖު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކ. ދިޔަނެރު ފަރަށް އެރި މައްސަލަ ބެލުމަށްފަހު އެ ބޯޓް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގެޒެޓުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާއިދުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ 20,246,600 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މި އުޅަނދުތައް އެ ފަރުމަތިން ނަގާފައި ވާއިރު ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު 28 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ވަނީ ހަދައިފައެވެ.
އުޅަނދުތައް ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އީޕީއޭއިން ވަނީ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައެވެ.
މާލެއާ ވަރަށް ކައިރީގައި އޮންނަ މި ފަޅަކީ ސަފާރީތައް ބަނދަރު ކުރުމަށް ތަރައްގީ ކުރަން ކުރިން ޕްލޭން ކުރި ތަނެކެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.