"ތިބާގެ އާއިލާއަށް ލޯތްބާއި އަޅައިލުން ދޭށެވެ. އެކީގައި ވަގުތުތައް ހޭދަކޮށް އޯގާތެރިވެ އެކަކު އަނެކަކަށް އެހީތެރިވާށެވެ. ފަހުން ދެރަވެދާނެފަދަ އަމަލެއް ނުކުރާށެވެ. މިއަދު ކުރުވެފައި އަދި މާދަން ވެދާނެގޮތެއް އެއްވެސް އިންސާނަކަށް ނޭގޭނެއެވެ."

***

" ޕިސް....ކަމެއް ނުވޭ....." އުރުޖުވާން އަވަހަށް ފޮޓޯ ނެގުމަށް ހީލިއެވެ. އަދި ދެމީހުން އަތުގުޅާލައި ހިނގައިގަތީ އެތަނުގައި ފެންސް ޖަހާފައި ހުރި ހިސާބަކަށެވެ. އެތާ ތިރިން މުޅި އަވަށުގެ ރީތިކަން ފެންނަން ހުއްޓެވެ. ސްނޯ ވެހިފައި އޮތަސްވެސް އެ ބިންގަނޑުން ކޮންމެވެސް ވަރަކަަށް ފެހި ކަން ފެންނަން ހުއްޓެވެ.

" މަދީނާގެ ޚަބަރެއްވެސް ނުވޭ.....އެއްވެސް ފޮޓޯއެއްވެސް ނެތް ބަލާފަ..." އުރުޖުވާން ޝަކުވާ ކުރިއެވެ. މާޒިމް ވެސް އެކަމާ ހުރީ ކަންބޮޑުވެފައެވެ. އަނެއްކާ މަދީނާ ބަލިވީ ބާއޭވެސް ހިތަށް އެރިއެވެ. އޭނަ ކަންބޮޑުވީވަރުން އަވަހަށް ކެނާން އަށް ފޯނު ކުރިއެވެ. ރޭންޖް ދަށްވާތީވެ އެކި ދިމަ ދިމާއަށް ފޯނު ހިފައިގެން އެނބުރުނެވެ. އުރުޖުވާން އަށް މަންޒަރު މަޖާ ވެ ވީޑިއޯ ކުރަމުންދިޔައެވެ.

***

ނާޝިދުގެ މޫނުމަތީން ފެންނަން ހުރީ ކަންބޮޑުވުމެވެ. މިފަދަ ކަމެއް އެ ލޮލުން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ހުޝަލްއަށް ވެސް ކެތްކުރަން އުނދަގޫ ވާ ފަދަ މަންޒަރާއި ވާހަކަތައް އަޑުއިވެމުން ދިޔަޔަސް ކެތްތެރިވާން މަސައްކަތްކުރިއެވެ. ގައިގައި ވީހާ ބާރެއް ލައި ނަބީލާގެ ގައިގާ ހިފަހައްޓައިގެން ހުރި ހުޝަލް ގެ އަތަށް ވެސް ހޫނުކަމާއެކު ތަދުވެސް ވެއެވެ. ނަބީލާ ތެޅި ފޮޅެނީއެވެ. ކިޔަވާ އާޔަތްތަކުން ކުރާ އަސަރެވެ.

" ކީއްވެހޭ ތި އަންހެނާ ގަޔަށް ސަވާރުވެގެން ތި އުޅެނީ؟" ރާޤީ ގެ ސުވާލު ހަރުކަށްޓެވެ. ސުވާލު ކުރާ ކޮންމެ ފަހަރަކު ނަބީލާ ހެނީއެވެ. ޖެއްސުމުގެ ރާގަކަށެވެ.

" ނުބުނާނަން.....މޮޅީއްޔާ ހޯދަބަލަ...." ނަބީލާ ބަރު އަޑަކުން ޖަވާބު ދިނެވެ. ރާޤީ އަނެއްކާ ވެސް ޝިފާގެ އާޔަތްތައް ކިޔާލުމުން ނަބިލާގެ ގައި ތެރޭގައި ހުރި ޖިންނި ރޯން ފެށީ ހަޅޭކާއެކުއެވެ. ނަބީލާ ގެ ލޮލުގެ ކަޅި ވެސް މައްޗަށް އަރައި ފެންނަން ހުރީ ހުދު ކަޅި އެކަންޏެވެ. އަދި ބޮލުގައި ހިފަހައްޓައިގެން ހުރި ހުޝަލް އަށް ވެސް ހިފެހެއްޓެނީ ކިރިޔާއެވެ. އޭނަގެ ކަށިތައްވެސް ބިންދައިގެން ހިނގައިދާނެހެން ހީވިއެވެ.

" ހަ...ކީ..މު...ހަކީމު...އަހަރެންގެ ބައްޕަ...." ނަބީލާ އަމިއްލަ އަޑުން ވާހަކަ ދެއްކިއެވެ. ވޭނީ އަޑެކެވެ. ރުޤްޔާ ކުރަން ފެށީއްސުރެން ފުރަތަމަ ފަހަރަށް އޭނާގެ އަމިއްލަ އަޑުން ވާހކަ ދެއްކި ފަހަރުވެސް މެއެވެ. ނާޝިދު ސިއްސައިގެން ދިޔުމާއެކު ނަބީލާ ގެ ބޯ އަތުން ދޫވެވުނެވެ. އެވަގުތު ނަބީލާ ތެދުވެ ނާޝިދު އާއި މޫނު ހަމަކޮށް ހަޅޭއްލައިވައިގަތީ ބިރުވެރި އަޑަކުންނެވެ. އަދި މޫނަށް ކުޅުވެސް ޖެހިއެވެ. ހުޝަލް ނަބީލާގެ އަތާއި ފައިގައި ބާރަށް ހިފަހައްޓައިގެން ހުރިކަން އެއީ ނަސީބެކެވެ. އެހެން ނޫނަމަ ނަބީލާ ގައިގައި އެ ހުރި ބާރުން ހިފަހައްޓައެއް ނުލެވުނީހެވެ.

" ހަކީމު ކީއްކުރީ؟" ރާޤީ ސުވާލުކުރިއެވެ.

" ކީއްހޭ ކުރީ.....އޭނާގެ ސިހުރުން ނަބިލާ ހަލާކުކޮށްލީ..." ނަބީލާގެ ގައިތެރޭގައި ހުރި ޖިންނި ދޮގުހެދިއެވެ.

ޖިންނީނަކީ ދޮގު ހަދާ ބައެއްކަން ރާޤީ ވަނީ މާކުރީގައިވެސް ހުޝަލް މެން އެންމެނަށް އަންގާފައެވެ. ނަމަވެސް ކިޔާލާ އެއްޗިހިން ބައެއް ފަހަރު ތެދު ދޮގު ވަކި ކުރަންވެސް ނޭނގެއެވެ. ރާޤީ އަނެއްކާ ވެސް ޤުރުޢާން ކިޔަވަމުން ދިޔައީ އެ ހަދަނީ ތެދު ތޯ ޔަގީން ކުރުވުމަށެވެ. އޭނާ ނަބިލާ އަށް ކިޔަވާތާ އޭރު ފަސް ވަރަކަށް ގަޑިވެއްޖެއެވެ. އަދިވެސް ނަބީލާ ހަށިގަނޑުތެރޭގައި ފިލައިގެން އުޅޭ ޖިންނި އޭނާ އަމިއްލަ އަށް ތަޢާރަފް ނުވެއެވެ. އެހާ ވެސް ބާރުގަދައީ އެވެ. ނަމަަވެސް މާތް ﷲ ގެ ކަލިމައަށް ނުގުޑާނެ އެއވެސް މަހްލޫޤެއް މި ބިންމަތީގައި ނުވެއެވެ. ރާޤީ ދިޔައީ އެކި ފަހަރު މަތީން އަންދާލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި ކިޔަވާފައި ހުރި ފެންވެސް ނަބީލާ ގަޔަށް އަޅަމުން ދިޔައެވެ.

" ހަމަ މިހާރު ބުނޭ ތިއީ ކާކު ކަން؟" ރާޤީ އިންޒާރު ދިނެވެ.

" މާޝަލް ރޮތްސްވިލް....." ޖިންނި ކުކުރަމުން ނަން ބުނެލިއެވެ. އޭނާ އަކީ ރޮތްސްވިލް ގެ ދަރިއެކެވެ. އޭނާގެ މަންމަ އަކީ ކާކު ކަމެއް އެނގިފައި ނުވިޔަސް އެއީ ރޮތްސްވިލް ގެ ފުރަތަމަ ދަރިއެވެ. އީވޯން އާއި މާޝަލްގެ ގުޅުން ރަނގަޅު ނުވަނީވެސް މިހެންވެއެވެ. އެނަން ބުނެލުމުން ރާޤީވެސް ހައިރާންވިއެވެ. ރޮތސްވިލް އާއިލާއަށް ނިސްބަތްވާ ޖިންނީނަކީ ނުލަފާ ބާރުގަދަ ބައެކެވެ. ހިނދުކޮޅަކަށް އެހެން ހިތަށް އެރި ނަމަވެސް މާތް ﷲ ގެ ބާރުވެރިކަން ހުރިހާ އެއްޗަކަށް ވުރެން ބޮޑުވާނޭކަން ޔަގީން ކުރިއެވެ.

" ކީއްވެ ނަބީލާ އަށް އަނިޔާކުރަނީ؟" ރާޤީ ސުވާލުކުރިއެވެ.

" ހަކީމު........... " މާޝަލް އޭނާގެ ވަރުގަދަ ހިނިގަނޑު ޖަހައިލިއެވެ. ޖަވާބު ފުރިހަމަ ކުރަން ބޭނުންނުވީއެވެ. ރާޤީ މިފަހަރު ކިޔާލީ އާޔަތުލް ކުރުސި އެވެ. އެވަގުތު މާޝަލް ރޯން ފެށިއެވެ. އަދި އާދޭސް ކުރަމުން ދިޔައީ ހުއްޓުވުމަށެވެ.

" ހަކީމު އަހަރެންގެ ބޮޑުދައިތަ މަރާލީ......އެކަމުގެ ބަދަލު މާޒްވިލާ ކޮންމެ އަންހެނެއްގެ ބޮލުގައި އެޅިފައިވޭ....މަދީނާ ގެ ހާލު ބަލައިލިންތަ؟" ނަބީލާ ފަހު ސުވާލު ކުރީ ހުޝަލް އަށް ބަލަހައްޓައިގެން ހުރެއެވެ. ހުޝަލް އަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތީހެންނެވެ. ނަމަވެސް މިކާއިލް ހުޝަލް ގެ ކޮނޑުގައި އަތް އަޅަމުން ހިތްވަރު ލައިދިނެވެ.

" އަހްމަދުގެ އިތުރު ދަރިއެއް ހުންނަކަން އެނގޭތަ މީކާއީލް؟" މާޝަލް ބޭނުންވީ ތަނުގެ ހަމަޖެހުން ނަގައިލުމަށެވެ. ރާޤީ ވަނީ ކުރީންވެސް އެކަންތައް ކިޔައިދީފައެވެ. އެއީ ކިޔެވުން ހުއްޓުވުމަށް އެމީހުން ގެންގުޅޭ އުކުޅެކެވެ.

***

މާޒްވިލާގެ ސުފުރާ މަތި ތައްޔާރުކޮށްލެވިފައިވީ ނިކަން ފުރިހަމައަށެވެ. މަދީނާއަށް މިހާ ގިނަ ބާވަތުގެ އެއްޗިހި ތައްޔާރުކުރަން އެނގުނު ކަމާއި މެދުވެސް ކެނާން ހުރީ ހައިރާންވެފައެވެ. ކައްކަން ބޭނުންވާ ސާމާނު ހޯދި ތަނެއްވެސް ނޭނގެއެވެ. މިފަހުން އައިސް މަދީނާ ގެ އުޅުންވެސް އެހާ ތަފާތެވެ. އެކަނި ހުރެ ހުސް ތަންތަނަށް ބަލަހައްޓައިގެން ގެއްލިފައި ހުރުމާއި އަމިއްލަ އަށް މަޖާވުމެވެ. ކެނާން އެކަން ކަމާއި ސުވާލު ކުރިޔަސް ލޯ އަޅައިލާ ބޯ ހޫރާލުން ނޫން ކަމެއް ނުކުރެއެވެ. ކެނާން މިއަދު މަޖަލަކަށް ބޮޑު ކޭމެއް ތައްޔާރުކުރުމަށް މަދީނާ ގާތު އެދުނުތާ އެއް ގަޑި އިރުވެސް ނުވެ ހުރީ ސުފުރާ ތައްޔާރުކޮށްފައެވެ. ނަމަވެސް އެކަމާއި ވިސްނުމަށް ވުރެ ބޮޑަށް ކެނާން ގެ ހިޔާލުތައް ދަތުރުކުރަމުން ދިޔައީ އަހްމަދުގެ އުޅުން ހުންނަ ގޮތުންނެވެ. ސިއްރުން ދައްކާ ފޯނު ކޯލުތަކުގެ ވާހަކައެވެ. ނަބީލާ ގެ ނަން ގަންނަ ފަހަރުވެސް މަދެއް ނޫނެވެ. އަހްްމަދު ވާހަކަ ދައްކަނި ހަމަގައިމުވެސް ނާޝިދުއާއި ކަން ކެނާން އަށް ޔަގީންވެއެވެ. ކާންވެގެން ގޮނޑީގައި އިށީންއިރުވެސް އަހްމަދުގެ ނިތުން ދާ ހިއްލައެވެ. ކަމަކާއި ހާސް ވެފައި ކަން އެ މޫނު މަތީން ދައްކުވައިދެއެވެ. ފޯނަށް ބަލައިލާ ފަހަރުވެސް އެހާ ގިނައެވެ.

"އަހްމަދުބެ އަހަންނަށް ކަމެއް ފޮރުވަންތަ؟" ކެނާން ބޭނުންވީ އަހްމަދާއި ކުރިމަތިލުމަށެވެ. ނަބީލާ ގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ފޯނުން އަޑުއިވިފައި ވުމުން ކެނާން ގެ ހިތުގައި ހުރި ޝައްކުތައް ފިލުވުމަށް ބޭނުންވިއެވެ.

"ތި....ތި...ބުނީ...ދެން އަހްމަދު ބެ ކޮން ކަމެއް ފޮރުވަންވީ..." އަހްމަދު އުދަގޫގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ. އެވަގުތު ފޯނަށް އައި ކޯލުން ނާޝިދުގެ ނަން ފެންނަން އޮތެވެ. ކެނާން ބޭނުންވީ އަހްމަދަށް ވުރެ ކުރީން އެ ކޯލު ނެގުމަށެވެ. ގޮނޑީން ތެދުވެ ހިންދެމިލިތަނާ ވަރަށް ބާރު އަޑެއް އިވުނެވެ. އެއީ ކޮޓަރީންނެވެ. ހަޅޭކުގެ އަޑެކެވެ.

" އެ ކޮން އަޑެއް؟" ކެނާން ހާސްވިއެވެެ، އަހްމަދުވެސް ކެނާން ގެ ފަހަތުން ދުއްވައިގަނެވުނެވެ. ކެނާން އަވަސްވެގަތީ އަޑު އައި ދިމާލަށް ދިޔުމަށެވެ. އެ އަޑު އިވުނީ މަދީނާ ގެ ކޮޓަރިންނެވެ. ކެނާން ދޮރު ހުޅުވައިލުމުން ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

ބިންމަތީ ރޯމަހައް ހެން ތެޅިލަ ތެޅިލައި އޮތީ މަދީނާއެވެ. އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. މަދީނާގެ މޫނުމަތިގެ ކުލަވަރު އެކި ފަހަރު އެކި ގޮތް ގޮތައް ބަދަލުވެއެވެ. ކެނާންގެ މުޅި ވުޖޫދުވެސް ގަނޑުވިފަދައެވެ. އޭނަ ހުރީ ހުއްޓުން އަރާފައެވެ.

" ނަބީލާ.....ބުނޭ ހުއްޓާލާށޭ....." މަދީނާ ހަޅޭއްލެވިއެވެ. އަދި އަތުގެ އިޝާރާތުން އަހްމަދު އަށް އިނގިލި ދިއްކުރިއެވެ. ކެނާންގެ ނަޒަރު ދަތުރުކުރީ އަހްމަދުގެ މޫނަށެވެ. އަދި ނުރުހުމާއެކު އަހްމަދުގެ ގިރުއާނުގައި ހިފާ ބާރުކޮށްލެވުނެވެ.

"ހަމ މިހާރު ބުނޭ....ކިހިނެއް ވެގެންތަ މިއުޅެނީ...." ކެނާންގެ ގެ އަޑު ހަރުވިއެވެ.މި ހިނގާ ކަންތައްތަކާއި އަހްމަދުއާއި ގުޅުމެއް ވާކަމަށް ގަބޫލުކުރެވުނެވެ. މަދީނާ ހޭންފެށިއެވެ. އަދި އަތް ޖަހަމުން ކެނާންއާއި ހަމަޔަށް ދިޔައެވެ.

"ނަބިލާ މަރެއް ނުވޭ.....ހުޝަލް އަށް ގުޅާލަބަލަ....." މަދީނާ ވާހަކަދެއްކީ އޭނާގެ އަމިއްލަ އަޑަކުން ނޫނެވެ. އޭނަ ކެނާން ގެ ފައި ކައިރީ ދެފައި ވަށް ކޮށްލައިގެން އިށިނެވެ.އިސްތަށިގަނޑު މޫނަށް ވައްޓާލައިގެންނެވެ.

"ކިހިނެއްތަ މިވަނީ...." ކެނާން އަށް ހަޅޭއްލަވައިގަނެވުނެވެ. އަހްމަދުގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ.

"ދަރިފުޅާ....ސޫރަތުލް ބަޤަރާ ޖަހައިދީ.....މިއީ މަދިނާ އެއް ނޫން.....ހުރިހާ ވާހަކަ އެއްވެސް ކިޔައިދޭނަން....." އަހްމަދު ވައި އަޑަކުން ކަންފަތް ކައިރީގައި ބުނެލިގޮތުން ކެނާންގެ ކަނދުރާއިންވެސް ހީބިހިނެގިއެވެ. އެކަން އެގޮތަށް ވާނެކަން މާކުރިންވެސް އަހްމަދުއަށް އެނގޭހެން ހީވިއެވެ.

"ލާހިކެއް ނޫން...ހީކުރީތަ.....މަށަށް އަޑެއް ނީވޭނެ ކަމަށް....." މަދީނާ ކެނާން އާއި ދިމާލަށް ފުންމައިގަތެވެ. ހޭވިގެން މޫނަށް އެޅިފައިވާ އިސްތަށިގަނޑުގެ ދޭތެރެއިން ކޮންމެވެސް ވަރަކަށް ލޯ ފެންނަން ހުއްޓެވެ. މުޅި ލޯ ފުރާލައިފައި ވީ ކަޅުކުލައިންނެވެ. އެކުއްޖާ ފެނުނީ ބިރުވެރި ފިލްމެއްގެ ޝަޚުސެއްހެންނެވެ. އަހްމަދު ބުނީ ތެދެކެވެ.މިއީ އޭނަގެ ކޮއްކޮ މަދީނާއެއް ނޫނެވެ. ބިރުވެރި މަޚުލޫގެކެވެ. ކެނާން އަށް މަދީނާގެ އަތުގައި ހިފައި ބާރުކޮށްލަމުން ޝަހާދަތުގެ ދެކަލިމަ ކިޔާލެވުނެވެ. އެވަގުތު މަދީނާ ކޮންމެވސް ވަރަކަށް މައިތިރިވިއެވެ.

***

"މީތި މާޒް ގެ އެނދު ދަށުގަ ބާއްވާލަދީ.....އަހަރެން ގޮއްސިއްޔާ ތި އުޅޭ ޒެލްޑާއަށް އެނގިދާނެ...އޭނަ ބަލަނީވެސް ހާދަ ފާޑަކަށޭ. ހުރިގޮތަށް ހުރި ވިޗެއް. ހިތަށް އަރާ އެ ލޯވެސް ކޮނެލާނަމޭ..ތެދެއް މިބުނީ. ދެވަނަފަހަރަށް އެ ދައިތަ ލޮލުހިމަކޮޅުން ބަލައިލިޔަސް........................" ފަރަހް ކަޅި އަޅައިގަތެވެ. އޭނަގެ ދަބަހުން ތަވީދު ފަށެއް ނަގައި ފަހަދްގެ އަތުތެރެއަށް ލައްވަދިނެވެ.

" ތިއީ.....އެމީހާ އަހަންނާއި ހަވާލު ކުރި އެތި ތަ؟ މިއީ ކޯޗެއް.....ސިހުރެއްތަ؟.....ތިފާޑު ފާޑު އެއްޗިހިވެސް ފަރަހް ގަބޫލުކުރަނީތަ؟" ފަހަދް ހުރީ ހައިރާންވެފައެވެ. ފަރަހް ގެ މޮޔަކަމާއިމެދު ހައިރާން ހީވިއެވެ. ފަހަދް އެއީ ފަންޑިތައާއި ސިހުރުފަދަ ތަކެއްޗަށް އީމާންވާ މީހެއް ނޫނެވެ. އަދި އެ ތަވީދަކީ އާދަމް އޭނައާއި ހަވާލު ކުރި އަމާނާތެކެވެ. މިކޮޅަށް އައިއިރު އެ ތަވީދު ހިފައިގެން އަންނާން ފަރަހް އެދުނީއެވެ.

"ކިތައް ސުވާލު އެއްފަހަރާ ތިކުރަނީ؟"ފަރަހް ރުންކުރުވިއެވެ.

"އެހިދާނެއްނު.."

ޒެލްޑާ އާއި އެކު އުރުޖުވާން އުޅުނީ މާ ގަސްތައް ބެލެހެއްޓުމުގައެވެ. ފިނިފެންމަލުގެ އެކި އެކި ކުލަތައް މުޅި ތަނުގައި ވިއެވެ. އުރުޖުވާން އެއިން ގަސްކޮޅެއް ހިފައިގެން ގެއަށް ގެންދަން ބޭނުންވާ ވާހަކަވެސް ބުނެލިއެވެ. މާޒިމް ހުރީ އެވަގުތު ކެމެރާއިން ފޮޓޯ ނެގުމުގައި އަވަދިނެތިއެވެ.

" ދޭބަލަ......މިވަގުތު ދިޔައީމަ އޭ......" ފަހަދްގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލަމުން ފަރަހް އަމުރުކުރިއެވެ.

ފަހަދް ބޯ ހޫރާލައި ފަރަހް ގެ އެދުން ފުރިހަމަ ކޮށްދިނުމަށް ހިނގައިގަތީ ކްޓެޖް އާއި ދިމާއަށެވެ.

ނުނިމޭ