މީހުން ރަހީނުކޮށް، ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން ބިރުދެއްކުމަށްފަހު ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.

އެއީ ފ. ނިލަންދުއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ޒުނައިރާ އިބްރާހީމާއި އޭނާގެ ފިރިމީހާއެވެ.

ފުލުހުންގެ ޚިދުމަތުން އެދުމުން ކްރިމިނަލް ކޯޓުން ވަނީ އެ އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެއީ އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ބަންދުކުރި އަންހެން މީހާ ބަންދުކުރީ، ޖަމާއަތް ހަދައިގެން އަނިޔާ ލިބުނު ފަރާތް ރަހީނުކުރުމުގައި ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އަންހެން މީހާގެ ފިރިމީހާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރި ވެދާނެތީ ކަމަށެވެ.

"މި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމުން މީނާ ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގައި ލިބެންހުރި ހެކިތަކަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭ،" ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހެކީގެ ގޮތުގައި ތުހުމަތުވާ މިންވަރަށް ހެއްކާއި ގަރީނާގެ ގޮތުގައި ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތަކާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އިތުރު ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

ފޭރުމާއި ރަހީނުކުރުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް ފޭރުނު މައްސަލައަކާއި ހިޔާ ސަރަހައްދުގައި އަންހެނުންތަކެއް ދަޅަދައްކައިގެން ފޭރުނު މައްސަލައެއް ވެސް ފެންމަތިވިއެވެ.

ފުލުހުން ވަނީ އެކަމަށް ސަމާލުވާން މީގެ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.