06 Jun 2024, 15:58
ދުވަހުން ދުވަހަށް ކުށުގެ ރިކޯޑު ސާފުކުރެވޭނެ އިންތިޒާމުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން މިއަދު ހަމަޖައްސައިފިއެވެ.
މީގެ ކުރިން އެ އޮފީހުން ކުށުގެ ރިކޯޑު ސާފުކުރަން ހުށަހެޅުމުން ކުށުގެ ރިކޯޑު ސާފުކޮށްފައި ދޫކުރަމުން އައީ ޖެހިގެން އަންނަ ދުވަހުއެވެ.
އެކަމަކު، ޕީޖީ އޮފީހުން މިއަދު ބުނީ، ކުށުގެ ރިކޯޑު ސާފުކުރަން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެ ދުވަހުގެ މެންދުރު ފަހު 13:30 ގައި ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި، މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތަކަށް ވެސް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ކުށުގެ ރިކޯޑު ސާފުކޮށްދޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އަލަށް ތައާރަފުކުރި ޓެކްނޮލޮޖީއަކާ އެކު، ކުށުގެ ރިކޯޑެއް ނެތް މީހުންގެ، ކުށުގެ ރިކޯޑު އޮންލައިންކޮށް މިނިޓެއް ތެރޭ ސާފުކުރެވޭ ގޮތް ޕީޖީ އޮފީހުން ހެދީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ އޮފީހުން މިހާރު މިނެޓެއް ތެރޭ އެފަދަ 30 މީހުންގެ ކުށުގެ ރިކޯޑު ސާފުކުރެވޭނެއެވެ.
މީގެ އިތުރުން، ޕީޖީ އޮފީހުން ބުނީ، އޮންލައިންކޮށް ކުށުގެ ރިކޯޑު ސާފުކުރަން ހުށަހަޅާ މީހުންނަށް މިހާރު ވެސް 10 މިނެޓު ތެރޭގައި ކުށުގެ ރިކޯޑު ސާފުކޮށްދެމުން އަންނަ ކަމަށެވެ. އަދި، ކުށުގެ ރިކޯޑު ނެތް މީހުންނަށް އެ މީހުން ކުށުގެ ރިކޯޑަށް އެދޭ ވަގުތު، އޮޓޮމެޓިކުން ރިކޯޑު ނެތްކަމުގެ ލިޔުމެއް ދިނުމުގެ ނިޒާމެއް އެ އޮފީހުން ޓެސްޓުކުރުމަށް ފަހު މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
"މި އޮފީހުގެ އަމާޒަކީ، މި އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާ ވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން،" ޕީޖީން ބުންޏެވެ.
ޕީޖީން މީގެ ކުރިން ބުނީ އާންމު ގޮތެއްގައި އަހަރަކު އެ އޮފީހަށް ސާފުކޮށްދެެވެނީ ގާތްގަނޑަކަށް 13،000 ކުށުގެ ރިކޯޑު ކަމަށެވެ.