06 Jun 2024, 18:53
ނިމިދިޔަ ދެ މަހުގެ ތެރޭ ކުރިއާއާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން 7.840 ކިލޯގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި، މި ތަކެތި އަތުލައިގަތީ ނިމިދިޔަ އޭޕްރީލް އަދި މިދިޔަ މަހުގެ ތެރޭގައި ވައިގެ މަގުން އައިސްފައިވާ ފަސިންޖަރުންނާއި ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ. އެގޮތުން ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް އެ ތަކެތި ބެލުމުން ޑުރަގް ވަނީ ހޯދައިފައެވެ.
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 17،726،000 ރުފިޔާއަށް އަރާއިރު، މި ތަކެތި އަތުލައިގެންފައި ވަނީ ތަފާތު ހަތަރު ދުވަހެއްގައެވެ.
އެގޮތުން އޭޕްރީލް މަހުގެ ދެވަނަ ދުވަހު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ވަނީ 5670 ގުރާމުގެ ކޮކެއިން އަތުލައިގެންފައެވެ.
އޭގެއިތުރުން، އޭޕްރީލް މަހުގެ ނުވައެއްގައި ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަނިކޮށް 180 ގުރާމުގެ ސިންތެޓިކް ކެތިނޯން ކަސްޓަމްސްއިން އަތުލައިގަނެފަވާއިރު، މިދިޔަ މަހު ފަހެއްގައި ވަނީ ސިންތެޓިކް ކެތިނޯންގެ 1690 ގުރާމު އަތުލައިގެންފައެވެ.
އަދި، 300 ގުރާމުގެ ހެރޮއިން ވައިގެ މަގުން އެތެރެކުރަނިކޮށް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.
މި ކަމާއި ގުޅުވައި، ކަސްޓަމްސްއިން ބުނީ، އިތުރަށް މައްސަލަތައް ތަހުގީގު ކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކަސްޓަމްސް އިން ވަނީ ވޭތުވެދިޔަ ހަ މަސް ތެރޭ ރާއްޖެ އެތެރެކުރަން އުޅުނު 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން، ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ގިނަވެފައިވާކަން ފާހަގަކުރެވި ކަސްޓަމްސްއާއި ފުލުހުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
އަދި، ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް އެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެވިޔަ ނުދޭން މަސައްކަތްކުރާނެ ކަމަށް ލޯކަލް ގަވާމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.