އިއްޒުއްދީން ސްކޫލް އިމާރާތުގައި ރެނދެއް ލާފައިވާތީ، އެ އިމާރާތުގެ ހާލަތު ބެލުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ސާވޭއެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރެނދުލާފައިވަނީ އިއްޒުއްދީން ސްކޫލް އިމާރާތުގެ ތިންވަނަ ފަންގިފިލާގައެވެ.

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ސްކޫލް އިމާރާތުގެ ހާލަތު ބެލުމަށް ޓަކައި، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސާވޭއެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އެ އިމާރާތުގައި ކުދިން ކިޔެވުން ރައްކާތެރިތޯ އެނގޭނީ އެސެސްމެންޓެއް ހެދުމަށް ފަހުގައިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިއްޒުއްދީން ސްކޫލް އިމާރާތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި އެ ސްކޫލް އިމާރާތް މަރާމާތު ކުރުމަށް ނިންމާނީ، އެ އެސެސްމެންޓް ހެދުމަށްފަހު، އެއިން ފާހަގަވާ ކަންކަމަށް ބަލާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޒުއްދީން ސްކޫލް އިމާރާތުގައި ރެނދުލުމުން، އެ ކަމަކީ ބެލެނިވެރިންނަށް އެނގުން މުހިންމު ކަމަށްވާތީ، ބެލެނިވެރިންނާ އެކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި އެ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަމެއް ދޭނީ ސްކޫލުގައި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ކަމަށް ވިދާޅުވިވެއެވެ.

ދެހާސްވިހިވަނަ އަހަރު އިއްޒުއްދީން ސްކޫލު ހުޅުވިއިރު އެ ސްކޫލުގައި ކިޔަވައިދިނީ ގްރޭޑް ހަޔަކާ ހަމައަށެވެ. ނަމަވެސް، މި އަހަރު އެ ސްކޫލުގައި ގްރޭޑް ދިހައަކަށް ކިޔަވައިދެނީ އެ ދަރިވަރުން ގްރޭޑް ދިހައަކަށް މި އަހަރު ޕްރޮމޯޓްވެފައި ވާތީއެވެ. އެ ސްކޫލްގައި އޯލެވެލް ކިޔަވައިދޭންފެށީ މި ފެށުނު ދިރާސީ އައު އަހަރާއެކުގައެވެ.

ބައެއް ސްކޫލްތަކުގެ އިމާރާތް ބައުވެ، ރެނދުލުމުގެ ސަބަބުން ބެލެނިވެރީންނާއި ސްކޫލްތަކުގެ މެނޭޖުމެންޓުން އެ ކަންބޮޑުވުންތައް ފާޅުކޮށް، ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅައެވެ.

އެ ގޮތުން 2021ވަނަ އަހަރުގެ ފަހުކޮޅު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ދަރިވަރުން ކިޔަވަން ތިބުމަށް ނުރައްކާތެރިވުމުން ސްކޫލުގެ ހިންގުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން ނިންމައިފައެވެ.

އެހެން ނަމަވެސް އެ ނިންމުމާ ދޭތެރޭގައި ބެލެނިވެރީންގެ ހިތްހަމަނުޖެހުން އޮތުމުން، ކުރީ ސަރުކާރުން ނިންމީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހުރި ބިން ހަމަޖެއްސުމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ހަމަޖައްސައިފައިވާ އާ ބިމަކީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓެވެ.