07 Jun 2024, 10:21
ސޯޝަލް މީޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ތަރި އަދި ބިލިއަނަރު ކައިލީ ޖެނާ ކޮންމެ ދުވަހަކު އޭނާގެ ދަރިންނަށް ހެނދުނުގެ ނާސްތާ ދެނީ އަމިއްލައަށް ހަދާފައި ކަމަށް އޭނާ ބުނެފިއެވެ.
ބިލިއަނަރު ކައިލީއަކީ އޭނާގެ އަމިއްލަ އެތައް ވިޔަފާރިއަކާއި މުވައްޒަފުންތަކެއް ގެންގުޅޭ ޒުވާނެކެވެ. އުމުރުން 27 އަހަރުގެ ކައިލީ ގޭގެ ހުރިހާ ކަމެއް ކުރުމަށްޓަކައި ބަޔަކު ހަމަޖައްސާފައި ތިބެއެވެ. އޭގެ ތެރެއިން ހުރިހާ ގަޑިއެއްގެ ކެއުން ތައްޔާރުކުރުމަށް ތަޖުރިބާކާރު ޝެފުން ވެސް ތިބެއެވެ.
މިހެން ކަންތައް އޮތް ނަމަވެސް އޭނާގެ ދެ ދަރިންގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރަނީ އަމިއްލައަށް ކަމަށް ކައިލީ ވަނީ ދާދި ފަހުން ބުނެފައެވެ. ކައިލީއާއި އޭނާގެ މުޅި އާއިލާއަށް ބިނާކޮށް ދައްކާ ރިއެލިޓީ ޝޯގެ ޝޫޓިންގެ ތެރެއިން ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކައިލީ ބުނީ، ދަރިންނަށް ހެނދުނުގެ ނާސްތާ އަމިއްލައަށް ތައްޔާރުކުރުމަކީ އޭނާގެ ހެނދުނުގެ ރޫޓީންގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދެ ދަރިންގެ މަންމަ ކަމަށްވާ ކައިލީ ބުނާ ގޮތުގައި އެ ކުދިންނަށް ހެނދުނުގެ ނާސްތާގެ ގޮތުގައި ތަފާތު އެއްޗެހި ތައްޔާރުކޮށްދެއެވެ.
އެގޮތުން، ދޮއްޓަށް ހުންނަ އަންހެން ދަރިފުޅު ސްޓޯމީއަށް ނާސްތާގެ ގޮތުގައި ތަފާތު އެކި ތަރުކާރިއާއި މޭވާ ދޭ ކަމަށާއި އެ ތަކެތި ދެނީ ތަރިތަކެެއްހެން ކޮށާފައި ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ސަލާމީއާއި ކުކީސް ވެސް މި ލިސްޓަށް އިތުރު ކޮށްލާ ކަމަށް ކައިލީ ބުންޏެވެ.
އޭނާގެ ހަގަށް ހުންނަ ފިރިހެން ދަރިފުޅު އައިރީއަށް ދެނީ މުޅީން ތަފާތު އެއްޗެއްސެވެ. އެގޮތުން ޕޭންކޭކް އަމިއްލައަށް ތައްޔާރުކުރާއިރު އެއާއެކު މޭވާއާއި ޕްރޮޓީން ވެސް ދޭ ކަމަށް ކައިލީ ވަނީ ބުނެފައެވެ.
ކައިލީ މިގޮތަށް ކަންތައް ކުރަނީ އެ ކުދިންނަށް މަންމަގެ އަތުގެ ކެއުން ދިނުމާ އެކު ހެނދުނު ތިންމައިން އެކުގައި ގިނަ ވަގުތު ހޭދަ ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.