07 Jun 2024, 18:36
މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ 20 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ދަތުރުކުރުމަށް ހަމަޖައްސާނެ ކަމަށެވެ.
އެހެންވެ، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ދުވަހެއް ގޮތަށް އެ ދުވަސް ހަމަޖައްސައިފިނަމަ ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތަށް ރައީސް ހަމަޖައްސަވާދެއްވައިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 23ވާ އާދިއްތަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިއްޔެ ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ އެއްވަނަ ދުވަހަކީ ހަތެއް ޖޫންވާ ހުކުރު ދުވަސްކަމަށެވެ.
އެގޮތުން، މި އަހަރުގެ ޢަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަސްކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަސްކަމުގައިވަނީ ކަނޑައަޅާފައެވެ.