08 Jun 2024, 12:16
ޗައިނާއިން އުފައްދާފައިވާ މުޅިން އާ ހައިސްޕީޑް ރޭލެއް ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި އިފްތިތާހުކޮށްފިއެވެ.
ސާބިއާގެ ރައީސް އަލެކްސަންޑާ ވޫސިޗް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އެ ހައިސްޕީޑް ރޭލު އިފުތިތާހުކޮށްފައި ވާއިރު، އެގައުމުން ވަނީ މިފަދަ އިތުރު ރޭލްތަކަށް ޗައިނާއަށް އޯޑަރުކޮށްފައެވެ.
ބެލްގްރޭޑްގައި އޮންނަ ޒެމުން ރޭލް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވޫސިޗް ވިދާޅުވީ ބެލްގްރޭޑް-ބުޑަޕެސްޓް ރޭލްވޭގެ ސާބިއާ ސެކްޝަން ވަރަށް އަވަހަށް ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތައްޔާރީތަކުގެ ތެރެއިން، ޗައިނާ ރޭލްވޭ ރޯލިން ސްޓޮކް ކޯޕަރޭޝަން (ސީއާރްއާރްސީ)އިން ސާބިއާއަށް ގެންދިޔުމަށް ފަސް ރޭލެއް އޯޑަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހައިސްޕީޑް ރޭލްތަކުގެ ސަބަބުން ސާބިއާ-ހަންގޭރީ ބޯޑަރު ކައިރީގައި އޮންނަ ބެލްގްރޭޑުން ސުބޮޓިކާއަށްކުރާ 180 ކިލޯމީޓަރުގެ ދަތުރަކަށް ނަގާނީ އެންމެ އެއް ގަޑިއިރާއި 10 މިނެޓުކަން ރައީސް ފާހަގަކުރެއްވިއެވެ.
"ޚާއްސަކޮށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އަށް ޝުކުރު ދަންނަވަން، އެއީ ސާބިއާގައި މިހާތަނަށް މިފަދަ ކަމެއް ކުރި އެންމެ ރަނގަޅު ކުންފުންޏަށް ވާނެ، އެ ކުންފުންޏަކީ އަޖައިބެއް، މި މީހުން މަސައްކަތް ކުރާ ގޮތް ވަރަށް ހައިރާންކުރުވަނިވި،" ވޫސިޗް ވިދާޅުވިއެވެ.
ތިންސަތޭކަ ފަންސާސް ކިލޯމީޓަރުގެ ދިގު ބެލްގްރޭޑް-ބުޑަޕެސްޓް ރޭލްވޭގެ މަސައްކަތް ކުރިއަށް ދަނީ ސީސީސީސީ ހިމެނޭ ގޮތަށް ޗައިނާގެ ކުންފުނިތަކަކުންނެވެ.
ބެލްގްރޭޑްއާއި، ސާބިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ނޯވީ ސަޑްއާ ދެމެދު ރޭލްވޭގެ މަސައްކަތް ޗައިނާގެ ކޮންޓްރެކްޓަރުން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ސުބޮޓިކާއަށް މި ރޭލްވޭ ފުޅާކުރާނެއެވެ.
"އަޅުގަނޑުމެން އިމްޕޯޓް ކުރަނީ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ރީތި ރޭލުތައް. އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް އެތަންތަން އަޅުގަނޑުމެންނަށް ބިނާކުރެވޭނެ ކަމަށް. އެއީ ސާބިއާގެ ކުރިއެރުމަށް ވަރަށް މުހިންމު ވާނެ ކަމެއް،" ވޫސިޗް ވިދާޅުވިއެވެ.
ބެލްގްރޭޑް-ބުޑަޕެސްޓް ރޭލްވޭއަކީ ޔޫރަޕުގައި ކުރިއަށްގެންދާ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ މުހިންމު މަޝްރޫއެކެވެ.
ޗައިނާއިން އުފައްދާފައިވާ ރޭލުގައި 250 ޖާގަ ހުންނައިރު ގަޑިއަކު 200 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވޭނެއެވެ.