08 Jun 2024, 16:22
މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ބައިވެރިވެވަޑައިގެންފައެވެ. އަދި ދިރާގުގެ މެނޭޖްމަންޓާއި ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
ދިރާގުން ބުނީ މި ހަރަކާތުގެ މަގުސަދަކީ މައުލޫމާތު ހިއްސާކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި އާ ޖީލުތައް ބާރުވެރިކުރުވުން ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން މަސައްކަތްކުރަނީ ޑިޖިޓަލް އިނޮވޭޝަންގެ ބޭނުން ހިފައި، މުޖުތަމައުއަށާއި ތިމާވެއްޓަށް ހެޔޮ އަސަރެއް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ޑިޖިޓަލް އިގުތިސާދަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޕްލެޓްފޯމްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން މުޖުތަމައު ބާރުވެރި ކުރުންމަތީ ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ، ދެމެހެއްޓެނިވި މުސްތަގުބަލެއް ހާސިލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އެކަމުގެ ޚިޔާލުތައް ހުށަހެޅުމަށް ހުރިހާ ޒުވާނުންނަށް އޭނާ ވަނީ ހިތްވަރުދެއްވާފައެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މި އަހަރުގެ ޝިއާރަކީ، "ޑިޖިޓަލް އިނޮވޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އެވެ.
މި ޝިއާރާ ގުޅޭ ގޮތުން މި ހަރަކާތުގައި ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި ޕެނަލްލިސްޓުން ވަނީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމުގައި ޑިޖިޓަލް އިނޮވޭޝަން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި އެ ގޮތްތަކާ ބެހޭ ގޮތުން ތަފާތު ދާއިރާތަކުން ތަފާތު ވިސްނުންތައް ވަނީ ހުށަހަޅާފައެވެ.