08 Jun 2024, 20:58
އިއްޒުއްދީން ސްކޫލުގައި ރެނދުލާފައި ހުރި ނަމަވެސް މާދަމާ ވެސް އެ ސްކޫލުގައި ކިޔެވުން ކުރިއަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިިދާޅުވީ އެ ސްކޫލާއި މެދުގައި އެއްޗެއް ބުނަން އެނގޭނީ އެ ސްކޫލުގައި މިހާރު ކުރިއަށްދާ އެސެސްމެންޓް ރިޕޯޓް ނިމުމުން ކަމުގައެވެ.
އަދި މާދަމާ ވެސް ސްކޫލްގެ ކިޔެވުން ކުރިއަށް ދާނެ ކަމަށް މީޑިޔާ އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
ސްކޫލް އިމާރާތުގައި ރެނދެއް ލާފައިވާތީ އިމާރާތުގެ ހާލަތު ބެލުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ވަނީ ސާވޭއެއް ފަށާފައެވެ.
ރެނދުލާފައި ވަނީ އިއްޒުއްދީން ސްކޫލް އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އެ ސްކޫލްގެ އިމާރާތް މަރާމާތު ކުރުމަށް ނިންމާނީ، އެ އެސެސްމެންޓް ހެދުމަށްފަހު، އެއިން ފާހަގަވާ ކަންކަމަށް ބަލާފައި ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ބައެއް ސްކޫލްތަކުގެ އިމާރާތް ބާވެ، ރެނދުލުމުގެ ސަބަބުން ބެލެނިވެރީންނާއި ސްކޫލްތަކުގެ މެނޭޖުމެންޓުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށް އެކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާފައެވެ.