08 Jun 2024, 23:39
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރައިވައިޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ކުރައްވާ މި ދަތުފުޅަކީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ރަސްމިއްޔާތަށް ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެ މަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ކަމަށެވެ.
ދައުވަތު އެރުވުމަށް ސަފީރު ވަޑައިގަތުމުން ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގަމުގެ ހުވާކުރެއްވުމުގެ މުހިއްމު ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދައުވަތު ގަބޫލުކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށާއި އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.