ޔަޝް ރާޖް ފިލްމްސްއިން 2021ވަނަ އަހަރު ގެނެސްދިން ފިލްމު "ބަންޓީ އޯރު ބަބްލީ2"އިން ލިބުނު ފުރުސަތާ އެކު ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތަކެއް ހޯދަން ފަސޭހަވި ކަމަށް ބަތަލާ ޝަރުވަރީ ވާގް ބުނެފިއެވެ.

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ހޮރޯ ކޮމެޑީ ފިލްމުގެ މުހިންމު ރޯލެއް ކުޅެފައިވާ ބަތަލާ ޝަރުވަރީ ބުނެފައިވަނީ "ބަންޓީ އޯރް ބަބްލީ2"އަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނަސް އޭނޭގެ ފިލްމީ ކެރިއަރުގެ ހުރިހާ ކްރެޑިޓެއް ވެސް ދޭން ބޭނުންވަނީ އެ ފިލްމަށް ކަމަށެވެ.

ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރި ނަމަވެސް ގިނަ ބަޔަކަށް ޝަރުވަރީ އެނގެން ފެށީ "ބަންޓީ އޯރް ބަބްލީ2"އަށް ފަހު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ބަންޓީ އޯރް ބަބްލީ2"ގެ ކާސްޓުންނާއެކު ބަތަލާ ޝަރުވަރީ--ފޮޓޯ/ކޮއިމޮއި
އާއްމުގޮތެއްގައި ފުރަތަމަ ފިލްމު ފެއިލްވުމުން ފިލްމީ މަސައްކަތްތައް ބައެއް ފިލްމީ ތަރިންނަށް ނުލިބޭ ކަމަށާއި ނަމަވެސް ޝަރުވަރީއަށް ފިލްމުތަކުން ފުރުސަތު ލިބޭނީ އޭނާގެ ކިބައިގައި ހުރި އެކްޓިންގެ ފެންވަރު ރަނގަޅު ކަމަށް ޕްރޮޑިއުސަރުންނަށް ގަބޫލުކުރެވޭތީ ކަމަށް 27 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ޝަރުވަރީއަކީ ފިލްމީ ބެކްގްރައުންޑެއް ނެތި އެއްވެސް މީހެއްގެ ނުފޫޒަކާނުލައި އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާއިން ފުރުސަތު ހޯދި ބަތަލާއެކެވެ. ޝަރުވަރީގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު މުޅިން ވެސް ހުރީ އޭ-ލިސްޓު ތަރިންނާ އެކު މަސައްކަތްކުރާ އަދި ބޮޑެތި ޕްރޮޑަކްޝަން ކުންފުނިތަކުގެ ފިލްމެވެ.

އޭގެ ތެރޭގައި، އެކްޓަރު ޖޯން އަބްރަހަމާ އެކު ކުޅޭ ފިލްމު "ވެދާ" އަދި ޔަޝްރާޖް ފިލްމްސްގެ ސްޕްއި ޔުނިވާސްއިން އުފައްދާ ފިލްމެއް ހިމެނެއެވެ. މި ފިލްމުގައި ޝަރުވަރީއާ އެކު ލީޑު ރޯލުން ފެންނާނީ ބަތަލާ އާލިއާ ބަޓްއެވެ.