'އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް'ގެ މެންބަރުކަން ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އަށް ލިބިއްޖެއެވެ.

އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށްކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާ ބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި ރައްކާތެރިކަމާއި އަވަސްކަމާ އެކު ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބުނީ މި މަހުގެ ދެވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ފެށި އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެގްމޮންޓް ގުރޫޕްގެ މެންބަރަކަށްވުމަށް އެފްއައިޔޫއިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު ކަމަށެވެ.

އެމްއެމްއޭއިން ބުނީ، މި ކަމުގައި ރާއްޖެއަށް އެހީތެރިވާން ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށެވެ.

"އެގްމޮންޓް ގްރޫޕުގެ މެންބަރަކަށްވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިންމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭނެ،" އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެ އޮތޯރިޓީ އަދި ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިންމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

އެމްއެމްއޭއިން ވަނީ ރާއްޖެއަށް އެގްމޮންޓްގެ މެންބަރުކަން ހޯދުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިން ރާއްޖޭގެ އިދާރާތަކަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޝުކުރު އަދާކޮށްފައެވެ.