ފަގީރަކަށް ވިޔަސް ނުވިޔަސް، ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ރަނގަޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1،000 ރައްޔިތުން މި ފަސްއަހަރުގެ ދައުރުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުން ހިލޭ ހައްޖަށް ފޮނުވަން ނިންމި 1،000 މީހުންގެ ތެރެއިން މި އަހަރު ފުރާ 50 މީހުން ހުކުރު ދުވަހުވަނީ ހައްޖަށް ފުރައިފައެވެ.

ހައްޖަކީ ކެރިފޯރުންތެރިކަން ހުންނަ ބަޔަކު އަދާކުރަން ޖެހޭ ކަމަކަށްވާއިރު، ދައުލަތުން އެ ކަމަށް ޚަރަދުކުރާތީ ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެތައް ކަމެއް ފުރިހަމަނުވެ ހުއްޓައި، ނިކަމެތިން ޙައްޖަށް ފޮނުވަން ސަރުކާރުގެ ބައިތުލްމާލުން ނުވަތަ ޒަކާތު ފައިސާއިން ޚަރަދުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އެހީގައި ކުރާ ހައްޖު ރަނގަޅުނުވާނެ ކަމަށް ބުނެ ދެމުންގެންދާ ފަތުވާގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ ބައިތުލްމާލުގައި އޮތީ ރައްޔިތުންގެ ހައްގުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފަގީރަކަށް ވިޔަސް، އަދި ފަގީރަކަށް ނުވިޔަސް ސަރުކާރުގެ އެހީގައި ކުރާ ހައްޖު ސައްހަވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުން އަހަރަކު 40 މީހުން ހައްޖަށް ފޮނުވިއެވެ. އަދި ސައުދީ ސަރުކާރުގެ ޚަރަދުގައި ވެސް މީހުން ހައްޖަށްދާކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ސައުދީ ސަރުކާރުގެ އެހީގައި މި އަހަރު ރާއްޖެއިން ވެސް މީހުން ހައްޖަށްދާއިރު، ސައުދީގެ އެހީގައި ފަލަސްތީނުގެ 1،000 މީހުން ވެސް ހައްޖަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ސައްހަވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ފަތުވާދީފައި އޮންނާނެ ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިންގެ ފަތުވާ ވެސް އެކަމުގައި އޮންނާނެ ކަމަށެވެ.

ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ މި ފަހަރަކީ މުޅިން އަލަށް 1،000 މީހުންނަށް ކިއުއިން ޖާގަ ލިބުނު އަހަރު ކަމަށާއި މީގެކުރިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށް ކަމަށެވެ. އެ ގޮތުން މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ހައްޖަށް ދާނެ ކަމަށާއި މިއީ ރައީސްގެ އިރުޝާދުގެ ދަށުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020، އަދި 2021ވަނަ އަހަރު ރާއްޖޭން ހައްޖުގެ އަޅުކަމަށް މީހުންނެއް ނުފޮނުވައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖު ކިއު ދިގުވެފައި އޮތީ ކޮވިޑް-19އާ ގުޅިގެން ތިން އަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުންނެވެ.