10 Jun 2024, 11:05
ހާވާޑް ޔުނިވާސިޓީގައި މި އަހަރު ގްރެޖުއޭޓްވި ކުދިންގެ ސެޓްފިކެޓް ދީ ގްރެޖުއޭޝަން ހަފްލާ ބޭއްވިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
ނަމަވެސް ޕާކިސްތާނަށް އުފަން އަސްރާރް ސާފު އަދިވެސް ހުރީ ސެޓްފިކެޓް ލިބޭނެ ކަމުގެ އިންތިޒާރުގައެވެ. ހަތަރު އަހަރު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ހޯދުމުގެ އިންތިޒާރުގައެވެ.
ސާފީގެ އިތުރުން، އިތުރު 12 ކުއްޖަކު ވެސް ތިބީ ހަމަ އެ ހާލަތުގައެވެ. އެ އެންމެންނަކީ ވެސް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތައުލީމީ މުއައްސަސާ، ހާވާޑް ޔުނިވާސިޓީން ކިޔަވައި ނިންމައިލި ކުދިންނެވެ. ނަމަވެސް އެ މީހުން ޑިގްރީ ސެޓްފިކެޓް ހޯދުމަށް އިތުރު އެއް އަހަރު ދުވަހު އަދި މަޑުކުރަންޖެހެއެވެ.
އެ ޔުނިވާސިޓީގެ އެންމެ މަތީ ގަވަނިން ބޮޑީ ހާވާޑް ކޯޕަރޭޝަނުން އެ ކުދިންނަށް ޑިގްރީ ނިންމިކަމުގެ ސެޓްފިކެޓް ދިނުން ލަސްކޮށްފައި ވަނީ ފަލަސްތީނަށް ތާއީދުކޮށް މިދިޔަ މެއި މަހު އެ ޔުނވާސީޓީގައި ދަރިވަރުން ބޭއްވި މުޒާހަރާގައި ބައިވެރިވުމުންނެވެ.
"ހަވާޑް ޔުނިވާސިޓީގެ ސެޓްފިކެޓް އަހަރެއް ދުވަހަށް ހިފަހައްޓާނެ ކަމަށް ބެލެވޭ. އަހަރެން މިހާރު މި ބަލަނީ އޮކްސްފޯޑު ޔުނިވާސިޓީން ޖާގައެއް ލިބޭތޯ،" ސެޓްފިކެޓް ހިފަހައްޓައިފައިވާ ދަރިވަރަކު ބުންޏެވެ.
އެހެން ދަރިވަރެއް ކަމަށްވާ ޝްރައްދާ ޖޯޝީއަކީ ވެސް ސާފީއާ އެއް ޕްރޮގްރާމެއްގައި ކިޔަވަމުން ދިޔަ ހާވާޑް ކޮލެޖުގައި ފެކަލްޓީގެ ތާއީދު އޮތް ނަމަވެސް ޑިގްރީ ނުލިބޭ ދަރިވަރެކެވެ.
މުޅި އެމެރިކާގައި ވެސް ފަލަސްތީނުގެ ހައްގުގައި ކުރިއަށްގެންދާ މުޒާހަރާގެ ހަރަކާތް ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، ހާވާޑް ހިމެނޭ ގޮތަށް އިތުރު 30 ޔުނިވާސިޓީއެއްގައި ދަރިވަރުން ވަނީ މުޒާހަރާކޮށްފައެވެ.
އެމެރިކާގެ އެހެން ކޮލެޖް ކެމްޕަސްތަކެކޭ އެއްފަދައިން ހާވާޑް ކެމްޕަސްގެ ދަރިވަރުންގެ ޑިމާންޑަކީ އިސްރާއީލާ ގުޅުން ހުރި ކުންފުނިތަކަށް ހާވާޑް އިން ކުރާ އިންވެސްޓްމަންޓްތައް ފުރިހަމައަށް ހާމަކުރުމާއި އެ ކުންފުނިތަކަށް އިންވެސްޓްކުރުން ހުއްޓައިލުމެވެ.
އެމެރިކާގެ ޔުނިވާސިޓީތަކުގައި ދަރިވަރުން އަދިވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.
އެގޮތުން އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ހުންނަ ސުޓޭންފޯޑް ޔުނިވާސިޓީގައި ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުން ވަނީ ވަރަށް ގަދަޔަށް މުޒާހަރާކޮށްފައެވެ.
މުޒާހަރާގެ ބައިވެރިން ސުޓޭންފޯޑް ޔުނިވާސިޓީގެ ރައީސްގެ އޮފީސް އެއްކޮށް ދަރިވަރުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ސުޓޭންފޯޑް ޑެއިލީ އިން ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން ފަހުން ވަނީ އެ މުޒާހަރާ ރޫޅައިލައިފައެވެ. މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.