އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ މުހިއްމު މެންބަރެއް ކަމަށްވާ ބެނީ ގަންޓްޒް އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އޭނާ ވަކިވެވަޑައިގަތީ ޣައްޒާ ހަނގުރާމައާހެދި ނަތަންޔާހޫއަށް ލިބެމުންދާ ބައިނަލްއަގުވާމީ ޕްރެޝަރާ ހެދިއެވެ.

"ނަތަންޔާހޫ އަކީ އަހަރެމެންނަށް ހަގީގީ ކާމިޔާބީއަކަށް ކުރިއަށް ދިއުމަށް ހުރަސް އަޅަމުން އަންނަ މީހެއް. އެހެންވެ މިއަދު ސަރުކާރު ދޫކޮށް މިދަނީ ބަރު ހިތަކާއެކު،" ގަންޓްޒް ވިދާޅުވިއެވެ.

އިސްރާއީލުގެ ކުރީގެ ޖެނެރަލް އަދި ދިފާއީ ވަޒީރުކަންވެސް ކުރައްވަފައިވާ ގަންޓްޒް އާއި ނަތަންޔާހޫއާ ހިޔާލު ތަފާތުވީ ހަނގުރާމައިގެ ފަހުން ދެން އެކުލަވާލާ ޕްލޭނާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ގަންޓްޒް އިންސްތިއުފާ ދެއްވުމަކީ ނަތަންޔާހޫގެ ސަރުކާރު ވެއްޓޭނެ ކަމަށް ބެލެވޭވަރުގެ ކަމެއް ނޫން ނަމަވެސް އެއީ ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިންނާ ދެކޮޅަށް ޣައްޒާއިން ކުރި ހަނގުރާމައަށް އަށް މަސް ފަހުން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ލިބުނު ފުރަތަމަ ގެއްލުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގަންޓްޒްގެ އެއް ޑިމާންޑަކީ ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުން އެންމެ ފުރަތަމަ ކަމަކަށް ހެދުމަށެވެ.

ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ހަފްތާއެއްހާ ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް ފަހު އެތައް ރަހީނެއް ދޫކޮށްލި ފަހުން ރަހީނުން ދޫކޮށްލުމުގެ އިތުރު އެއްވެސް އެއްބަސްވުމަކަށް އިސްރާއީލަށް ނާދެވެއެވެ.

އެހާ ޚިލާފަށް އިސްރާއީލުން ދިޔައީ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ މަހު ހުށަހެޅުއްވި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަށް ވެސް ނަތަންޔާހޫ ސަރުކާރުގެ ކަނާތު ފިޔައިގެ ކޯލިޝަނުން އަންނަނީ އޭނާއަށް ޕްރެޝާ ކުރަމުންނެވެ.

ޣައްޒާގެ މައުސޫމު ކުޑަކުދިންނާއި އާންމުން މެރުން ހުއްޓައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ އިސްރާއީލަށް ޕްރެޝާ ކުރަމުންނެވެ. ނަމަވެސް ހަމާސް ނައްތައިނުލެވެނީ ވެސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އިސްރާއީލުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 37،084 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނެވެ.