10 Jun 2024, 10:00
އެންޓި ކޮރަޕްޝަން ކޮމިޝަަން (އޭސީސީ)އިން ނިމިދިޔަ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނޭ މެމްބަރުން ދިރިއުޅުއްވާ ތަންތަން ފާސްކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފާސްކުރަމުން އަންނަނީ އެ ކޮމިޓީގައި ކުރިން ތިއްބެވި ބޭފުޅުންކަމަށްވާ، ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އަހްމަދު ވިސާން ނަސީމާއި، މުޙައްމަދު އާރިފް، އަދި ލިރުޣަމް ވަހީދު އުޅުއްވާ ތަންތަނެވެ.
މި ކަމާ ގުޅޭގޮތުން އޭސީސީން "ސަން"އަށް ބުނީ އެ ފަރާތްތައް ދިރިއުޅޭ ތަންތަން ފާސްކުރަމުން ދަނީ އޭސީސީން މިހާރު ތަހުގީގު ހިންގަމުންދާ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތުގެ މައްސަލައިގައި ކަމަށެވެ.
އެ ގޮތުން ކޯޓު އަމުރާއެކު ފާސްކުރަމުން އަންނަނީ އެ މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކާ ގުޅުންހުރި ބައެއް ތަންތަން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.
އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު އެޕްރީލް އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.