10 Jun 2024, 11:54
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ހޮނިހިރު ދުވަހު އިންޑިއާއަށް ފުރާވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރު މޯދީ، ތިންވަނަ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައްދަލްކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް
ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވާ މަޝަވަރާކުރައްވާފައެވެ. އަވައްޓެރި އެހެން ގައުމުތަކުގެ ވެރިންނާ އެކު ވެސް ބޮޑުވަޒީރު މޯދީ ވަނީ ބައްދަލުކުރައްވައިފައެވެ.
ނަމަވެސް، މި ބައްދަލުކުރެއްވުމާ ގުޅޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ބައްދަލުކުރެއްވުމުގެވީޑިއޯތަކުންފެންނަނީ ދެ ބޭފުޅުން ވެސް ވަރަށް ހިނިތުންވުމާ އެކު މަޝްވަރާކުރައްވާ މަންޒަރެވެ.
މުޅި މި ދަތުރުފުޅުގެ ތެރެއިން ވެސް ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ފެންނަނީ ވަަރަށް އަރިހުގައި ތިއްބަވާ މަންޒަރެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި މޯދީ ރޭ ބޭއްވި ފަރިއްކޮޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި އެ ގައުމުގެ ރައީސް ރޭ ބޭއްވެވި ފަރިއްކޮޅުގައި ވެސް ރައީސް އިންނެވީ މޯދީ އަރިހުގައެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބީއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް
އޭގެ ފަހުން އާ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މި އަހަރުގެ ކުރީކޮޅު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ. އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
ނަމަވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް މި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅާ އެކު މަޑުމަޑުން ގުޅުން ރަނގަޅުވާން ވަނީ މިސްރާބު ޖަހައިފައެވެ.
އެއާއެކު ރައީސް މި ވަގުތު އިންޑިއާގައި ހުންނެވިއިރު، އެ މަނިކުފާނާއި ބޮޑުވަޒީރު މޯދީ ވެސްވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.