10 Jun 2024, 16:29
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ރައީސް ޑރ، މުހައްމަދު މުޢިއްޒު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރުގެ ދައުވަތަކަށް ރައީސް މުޢިއްޒު މިއަދު ވަނީ އޭނާއާ ބައްދަލު ކުރައްވައިފައެވެ.

ޖައިޝަންކަރާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި، ރައީސް ވަނީ އިންޑިއާގެ ޔޫނިއަން ކެބިނެޓު މިނިސްޓަރަކަށް ޖައިޝަންކަރު އައްޔަނު ކުރެއްވުމާ ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވާފައި ކަމަށެވެ.
އަދި ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމަށް އަލިއަޅުވައިލައްވައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޖައިޝަންކަރާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ވެސް ބައްދަލު ކުރައްވައިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.