10 Jun 2024, 16:02
މޮސްކޯ (10 ޖޫން 2024): އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާދެނީ އެ ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށާއި އެ މައްސަލާގައި އަތް އުރާލައިގެން ނޯންނާނެކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވީ ހުޅަނގުގެ ތަދުވާތަނުގައި ޖަހަން ރަޝިއާއަށް އެނގޭ ކަމަށާއި އަދި އެއީ ބޭނުންވެއްޖެ ހާލަތެއްގައި ރަޝިއާއަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ކްރެމްލިންގައި ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ އެމެރިކާއާއި ޔޫރަޕުން ޔުކްރެއިނަށް ހަތިޔާރު ދީގެން އެ ހަތިޔާރުން ޔުކްރެއިން ލައްވައި ރަޝިއާއަށް ދޭ ހަމަލާތަކުގެ ރައްދުގައި ރަޝިއާއިން އަޅާނެ ފިޔަވަޅުތަކާމެދު ރަޝިއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ގެންދަނީ ދިރާސާތަކެއް ކުރަމުން ކަމަށެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން މީގެ ދެތިން ދުވަސް ކުރިން ވަނީ ރަޝިޔާގެ ދެ ސަރަޙައްދަކަށް ޙަމަލާތަކެއް ދީފައެވެ. ފަރަންސޭސިވިލާތާއި ޖަރުމަނުގެ މަސްއޫލުވެރިން ވަނީ އެ ދެ ގައުމުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ހަމަލާދިނަސް އެންމެ ރަނގަޅުކަން ދާދިފަހުން ޔުކްރެއިންނަށް އަންގާފައެވެ.
މި މައްސަލާގައި އެމެރިކާ އެކިފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށެވެ. މިހެން ވަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާ ދީފިނަމަ އެމެރިކާއާ ހަނގުރާމަކުރާ ޔަމަންގެ ހޫޘީ ޖަމާއަތަށާއި އަދި އެމެރިކާގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނަށް ރަޝިއާއިން ޒަމާނީ ހަތިޔާރު ދީފާނެކަމުގެ ބިރު އެމެރިކާ އިހުސާސް ކުރާތީއެވެ.
މީގެ އިތުރުން އެމެރިކާ ހަދައިގެން އުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ލާފައިވާ ޖަމާއަތެއްކަމަށްވާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށްވެސް ވެސް ރަޝިއާއިން ހަތިޔާރު ފޯރުކޮށްދީފާނެކަމުގެ ބިރު އެމެރިކާއަށް އިހްސާސް ކުރެއެވެ. ރަޝިއާއަކީ ގިނަ ބާވަތްތަކުގެ ހަތިޔާރު އުފެއްދުމުގައި އެމެރިކާއަށް ވުރެ ވެސް ކުރީގައި އުޅޭ ގައުމެއްކަމާއި ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރުކަން އެމެރިކާ ދަނެއެވެ.
ތާލިބާނުންގެ ސަރުކާރާއެކު ޑިޕްލޮމެޓިކް ގުޅުންތައް އުފައްދަން މަސައްކަތްކުރާކަން ދާދިފަހުން ރަޝިއާއިން ހާމަކުރުމުން ވެސް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ އެ މައްސަލާގައި ކަންބޮޑުވާކަން ހާމަކުރައްވައި އެއީ ޒިންމާދާރު އަމަލެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މި ބިރުތަކާ ގުޅިގެން އެމެރިކާ ވަނީ އެ ގައުމުގެ ހަތިޔާރު ޔުކްރެއިނުން ރަޝިއާ ދެކޮޅަށް ބޭނުން ކުރުމަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ރަޝިއާ ހަމަލާއެއް ދީފިނަމަ އޭގެ ރައްދުގައި ނޫންގޮތަކަށް ރަޝިއާގެ އެތެރޭގެ ސަރަހައްދަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށް ހަމަލާއެއްދީގެން ނުވާނެކަން ވަނީ ޔުކްރެއިންނަށް އަންގާފައެވެ.
ނަމަވެސް ޔޫކްރެއިނުން ވަނީ މި ޝަރުޠުތަކާ ޚިލާފަށް ޔުކްރެއިންގެ ބޯޑަރުގައިވާ ރަޝިއާގެ ސަރަހައްދަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ދާދިފަހުން ޙަމަލާ ދީފައެވެ. އެމެރިކާ ވަނީ މިއީ އެ ގައުމުގެ ޝަރުތާ ޚިލާފަށް ޔުކްރެއިނުން ކުރިކަމެއްކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާ ބުނާގޮތުން އެމެރިކާގެ ޝަރުތުތަކީ އޮޅުވާލުމެކެވެ. އެމެރިކާ ގެ ހުއްދަނެތި އެކަންކުރަން ޔުކްރެއިނަކަށް ނުކެރޭނެއެވެ.
އަނެއްކޮޅުން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ދަނީ ޔޫކްރެއިނަށް އެފް-16 މަރުކާގެ ހަނގުރާމަމަތީ ޖެޓްވެސް ފޯރުކޮށްދޭން ތައްޔާރު ވަމުންނެވެ. މީގެ ރައްދުގައި އެމެރިކާއާ އިދިކޮޅު ޖަމާއަތްތަކަށާއި އަދި އެމެރިކާއާ އިދިކޮޅު ބައެއް ގައުމުތަކަށް ރަޝިއާއިން ވަރަށް ޒަމާނީ ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭކަމަށް ވަނީ ބެލެވިފައެވެ.