އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ރޫޓްގެ ފެރީ ދަތުރުތައް އިއްޔެއިން ފަށައިގެން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީގެ އިއުލާނެއްގައި ބުނީ، ފެރީ ދަތުރުތައް މެދުކަނޑާލީ ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

މެދުކަނޑާލާފައިވާ ދަތުރުތަކަކީ ހެނދުނު 7:00ގައި ހުޅުމީދޫއިން ހިތަދޫއަށް ކުރާ ދަތުރާއި ހެނދުނު 7:30 ގައި ހިތަދޫއިން ހުޅުމީދޫއަށް ކުރާ ދަތުރެވެ.

އެ ދެ ރަށަށް ކުރާ ދަތުރުތައް ކެންސަލްވުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.

އާރުޓީއެލްގެ ފެރީތަކެއް: އެމްޓީސީސީން ވަނީ ހުޅުމީދޫ-ހިތަދޫ ރޫޓްގެ ފެރީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައި --- ފޮޓޯ/ މާހިލް އާތިފް

މީގެއިތުރުން، އަންނަ އާދިއްތަ ދުވަހަކީ އަޟްޙާ އީދަށް ވުމާއެކު އެމްޓީސީސީން ވަނީ އެ ދުވަހަށް ޝެޑިއުލްކޮށްފައިވާ ހުޅުމީދޫ-ފޭދޫ-ފުވައްމުލައް ރޫޓްގެ (C609) ކާގޯ ފެރީގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހަށް އަވަސްކޮށްފައެވެ.

އީދު ދުވަހު އަތޮޅުތެރޭގައި އެ ކުންފުނިން ފޯރުކޮށްދޭ ދޯނި ފެރީގެ ޚިދުމަތް މެދުކަނޑާލުމަށް ވެސްވަނީ ނިންމާފައެވެ. ނަމަވެސް، ޒޯން ހައެއްގެ ދޯނި ފެރީ އަދި އާރްޓީއެލް ފެރީގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްޓީސީސިން ބުންޏެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދުއާ ދޭތެރޭގެ ފެރީ ދެކޮޅު ދަތުރުތަށް 110 ރުފިޔާ ނަގައެވެ. ހުޅުމީދޫ ހެލްތު ސެންޓަރުން ނުލިބޭ ޚިދުމަތްތައް ހޯދުމަށް ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގިނަ ބަޔަކު ދާން ޖެހޭއިރާއި އެހެނިހެން ކަންކަމަށް ވެސް ގުޅިފައިވާ ރަށްތަކަށް ދަތުރުކުރަން ޖެހޭއިރު، ފެރީގެ އަގު ބޮޑުވުމަކީ ހުޅުދުއާއި މީދޫގެ ރައްޔިތުން ފާޅުކުރާ ކަންބޮޑުވުމެކެވެ.