ފޯނު ކޯލްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ، އޯޑިއޯ އަދި ވީޑިއޯ ކޯލްގެ މުޅިން އާ ޓެކްނޮލޮޖީއެއް ނޮކިއާ ކުންފުނިން ދައްކާލައިފިއެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ފުރަތަމަ ތްރީޑީ އޯޑިއޯ ކޯލެއް ކޮށްފައިވަނީ ނޮކިއާ ކުންފުނީގެ ސީއީއޯ ޕެކްކާ ލަންޑްމާކެވެ. އޭނާ ވިދާޅުވީ، މި ޓެކްނޮލޮޖީގެ ސަބަބުން ފޯނުކުރާ މީހާ ކިތަންމެ ދުރުގައި ހުއްޓަސް އިޙްސާސްވާނީ އެއް ކޮޓަރީގައި ހުރެގެން ދެ މީހުން ވާހަކަދައްކާ ކަހަލަ އިޙްސާސެއް ކަމަށެވެ.

މިހާރުގެ ސްމާޓްފޯން ކޯލްތަކުގައި މޮނޮފޯނިކް އޯޑިއޯ ބޭނުންކުރާއިރު، އެ އޯޑިއޯގެ ސަބަބުން އަޑުގެ ކޮލިޓީ ދަށްވެ ކޮމްޕްރެސްވެއެވެ. އެކަމަކު، ނޮކިއާގެ އާ ޓެކްނޮލޮޖީން ތްރީ ޑައިމެންޝަނަލް ސްޕޭޝަލް އޯޑިއޯ ގެނެސްދޭއިރު، ވާޗުއަލް ސްޕޭސްއެއްގައި ހުންނަ ވަކިވަކި އަޑުތައް ކޯލްކުރާ މީހުންނަށް އިވޭނެއެވެ.

"މިއީ މޮނޮފޯނިކް ޓެލެފޯނީ އޯޑިއޯ ތައާރަފުކުރި ފަހުން ލައިވް ވޮއިސް ކޯލިން ތަޖުރިބާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުން،" ނޮކިއާ ޓެކްނޮލޮޖީސްގެ ރައީސް ޖެނީ ލުކަންޑާ ވިދާޅުވިއެވެ.

މި ކޯލް ކޮށްފައިވަނީ 'ޕަބްލިކް 5ޖީ' ނެޓްވޯކަކުން އާދައިގެ ސްމާޓްފޯނެއް ބޭނުންކޮށްގެންނެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ޒަމާނީ ގިނަ ސްމާޓްފޯނުތަކުގައި ހިމެނޭ ގިނަ މައިކްރޯފޯންތަކުގެ ބޭނުން ހިފައިގެން ވަގުތުން ސްޕޭޝަލް އޯޑިއޯ ޑޭޓާ ޓްރާންސްމިޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭންޑަޑް ވޮއިސް ކޯލްތަކުގެ ކޮލިޓީ ރަނގަޅުވުމުގެ އިތުރުން، ތްރީޑީ އޯޑިއޯގެ ސަބަބުން ކޮންފަރެންސް ކޯލްތައް ވެސް އިތުރުކޮށް، ބައިވެރިންގެ އަޑުތައް ވަރަށް ބޮޑަށް ފުރިހަމަވާނެ ކަމަށް ވެސް ނޮކިއާއިން ބުނެއެވެ.

ނޮކިއާގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި '5ޖީ އެޑްވާންސް ސްޓޭންޑާޑްސް'ގައި މި ޓެކްނޮލޮޖީ ހިމެނުމެވެ. މިއީ ދިރިއުޅުމުގައި ދެ މީހަކު ކައިރީގައި ތިބިގެން ވާހަކަދައްކާ ފެންވަރަށް ފޯން ކޯލްތައް ފުރިހަމަވާނެ ޓެކްނޮލޮޖީއެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.