10 Jun 2024, 19:16
މިދިޔަ މަހު މީރާއިން 1.66 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.8 ޕަސެންޓު ދަށް އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު ނިމިދިޔަ މެއި މަހުގެ އާމްދަނީ ދަށްވީ، ކޯޕަރޭޓް އިންކަމް ޓެކުހާއި ޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީއަށް ލިބިފައިވާ އާމްދަނީ ދަށްވުމުންނެވެ.
އޭގެއިތުރުން، މިދިޔަ އަަހަރުގެ ޖޫން މަހު އާމްދަނީއަށް ނަގާ ޓެކުހުގެ ސުންގަޑީގެ ކުރިން ގިނަ ފަރާތްތަކުން ފައިސާ ދައްކާފައިވާތީ އެ އަހަރުގެ މެއި މަހު އާމްދަނީ އިތުރު ކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހުގެ އާމްދަނީ ދަށްވި އިތުރު އެއް ސަބަބަކީ، ޖީއެސްޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައިނުވާތީ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު، މިދިޔަ އޭޕްރީލް މަހުގައި ދަތުރުވެރިން ފުރާފައިވާ 0.9 އިންސައްތަ ދަށްވެފައިވާތީ، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: މިދިޔަ މަހު މީރާއިން 1.66 ބިލިއަން ރުފިޔާ ބަލައިގަތް، 4.8 ޕަސެންޓް ދަށްވުމެެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު މީރާއަށް ވަނީ އާމްދަނީގެ ގޮތުގައި، އަންދާޒާ ކުރި އަދަދަށްވުރެ 0.8 އިންސައްތަ އިތުރަށް ލިބިފައެވެ. މިގޮތުން، އެ އަދަދު އިތުރުވީ ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓްއިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.
މިއަހަރުގެ މޭ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. އެއީ 66.19 އިންސައްތަ ނުވަތަ 1.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ ނުވަ އިންސައްތަ ނުވަތަ 149.35 މިލިއަން ރުފިޔާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މިދިޔަ މަހު މީރާއަށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 96.55 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 85.25 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ ލިބުނެވެ.
މީރާއިން ބުނީ، މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.