އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފޭރުނު މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މާލެ، ގ. ހިޔަރޯދި، މުޙައްމަދު ޝަމްޢާން ސަލީމްގެ މައްޗަށެވެ.

މި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަމްޢާން އިތުރު މީހަކާއެކު އޮގަސްޓް 30، 2021ވަނަ ދުވަހުގެ ރޭ 22:10ހާއިރު، މާލޭ ފިލިގަސްމަގު ހެންވޭރު ދަނޑު ކައިރިން، ލިލްމާސް ކޮމްޕެނީ މަނީ އެކްސްޗޭންޖް ފިހާރާއިގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު، އެ ކޮމްޕެނީގެ ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށެވެ. އެ ގޮތުން ފޭރިގަނެފައިވަނީ 912،714 ރުފިޔާ އާއި 27،150 އެމެރިކާ ޑޮލަރު އަޅާފައި ހުރި ދަބަހެއް ކަމަށް ދައުލަތުގެ ވަކީލުވަނީ ބުނެފައެވެ.

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން މި މައްސަލައިގައި ޝަރީއަތަށް ދިން ހެކިބަހުގައިވަނީ ލިލްމާސް މަނީ އެކްސްޗޭންޖް ފިހާރައިގެ ފައިސާތައް އެރޭ ގުނުމަށްފަހު، ދަބަހަކަށް އަޅައިގެން ސައިކަލުގައި ދަނިކޮށް، ސައިކަލެއްގައި ތިބި ދެ މީހަކު ވަޅިން ބިރުދެއްކުމަށް ފަހު، ލާރި ދަބަސް ހިފައިގެން ދިޔައީ ކަމަށެވެ. އަދި އެރޭ ސައިކަލު ދުއްވަން އިނީ ޝަމްޢާނު ކަމަށް ދައުލަތުން ހުށަހެޅި ހެކިބަހުގައިވެއެވެ.

ފޭރުމުގެ މި މައްސަލައާ ގުޅިގެން ލިލްމާސް ކޮމްޕެނީއިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައިވަނީ ފޭރިގަތް ދަބަހުގައި ހުރި ފައިސާގެ ތަފުސީލް ހާމަކޮށްފައެވެ.

ފޭރިގަތް ދަބަހުގައި ހިމެނެނީ:

  • 500 ރުފިޔާ ނޫޓުގެ 368 ގަނޑު

  • 100 ރުފިޔާ ނޫޓުގެ 135 ގަނޑު
  • 50 ރުފިޔާ ނޫޓުގެ 252 ގަނޑު
  • 20 ރުފިޔާ ނޫޓުގެ 242 ގަނޑު
  • 100 އެމެރިކާ ޑޮލަރު ނޫޓުގެ 252 ގަނޑު
  • 50 އެމެރިކާ ޑޮލަރު ނޫޓުގެ ހަތަރު ގަނޑު
  • 20 އެމެރިކާ ޑޮލަރު ނޫޓުގެ 47 ގަނޑު
  • 10 އެމެރިކާ ޑޮލަރު ނޫޓުގެ 101 ގަނޑު

މީގެ އިތުރުން އެ ދަބަސްތެރޭގައި ވަކިން 697،770 ރުފިޔާއާ އެކު ޖުމްލަ 1.39 މިލިއަން ރުފިޔާ ހުންނާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެން ނަމަވެސް ޝަރީއަތުގައި ވަކީލަކާ ނުލައި، ދައުވާއަށް ޖަވާބުދާރީވަމުން ޝަމްޢާންވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެހެން ނަމަވެސް މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބެލުމަށް ފަހު ޝަރީއަތުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ފޭރުމުގެ ކުށުގެ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ޝަމްޢާނުގެ މައްޗަށް ކަނޑައެޅޭ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވިޔަސް، އޭނާގެ އަދަބު މަތިކުރަން ޖެހޭފަދަ ހާލަތެއް އޮތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެއީ ކުށްކުރި ތާރީޚުން ފެށިގެން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ޖިނާއަތުގެ ދެ ކުށެއް ސާބިތުވެފައިވާތީއެވެ.

އެ ގޮތުން މި މައްސަލައިގައި ތިން ދަރަޖަ މަތިކުރެވެން އޮތްއިރު، އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ، އިތުރު އެއް ދަރަޖަ މަތިކޮށް ޖުމްލަ އަދަބެއްގެ ގޮތުގައި ކަނޑައެޅެނީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.

އެހެން ނަމަވެސް އޭނާ ބަންދުގައި ދެ އަހަރާއި 10 މަހާއި ނުވަ ދުވަސް ހޭދަކޮށްފައިވާތީ، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމަށް ފަހު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވަނީ ފަސް އަހަރާއި އެއް މަހާއި 21 ދުވަހުގެ ޖަލު ހުކުމެކެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ފޭރުމުގެ 225 މައްސަލައަކާއި ވައްކަމުގެ 1581 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.