11 Jun 2024, 09:42
ރައީސް ޑރ. މުހައްމަދު މުއިއްޒއާއެކު ބޭއްވި ބައްދަލުކުރެއްވުމަކީ ވަރަށް ރަނގަޅު ބައްދަލުކުރެއްވުމެއް ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނާ އެ ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.
އެ ބައްދަލުވުން ބާއްވާފައި ވަނީ ރައީސް މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައެވެ.
ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކުލަވައިލި ކެބިނެޓުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާނީ ޖައިޝަންކަރެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރުގެ ދައުވަތަކަށް ރައީސް މުއިއްޒު އިއްޔެ ވަނީ އޭނާއާ ބައްދަލުކުރައްވައިފައެވެ.
ޖައިޝަންކަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވިދާޅުވީ، ރައީސް މުއިއްޒާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވާހަކަތަކާއި ތަޖުރިބާއަށް ވެސް ރިއާޔަތްކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު ވަނީ ޖައިޝަންކަރާ އަދި ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމަށް އަލިއަޅުވައިލައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ވެސް ބައްދަލު ކުރައްވައިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފައެވެ.