11 Jun 2024, 17:08
ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ހުޅުމާލޭގައި އަޟްހާ އީދު ފާހަގަކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، "މައި ހުޅުމާލެ އީދު އުފާ"ގެ ނަމުގައި ތިން ދުވަހަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު ކަމަށާއި ގޯލްޑް ސްޕޮންސަރަކީ ޝީޝާ މޯލްޑިވްސް ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
ހުޅުމާލޭގައި މިއަހަރު އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކާއި ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައެވެ. އަދި އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ގދ. ފަރެސްމާތޮޑާގައި އީދު ފާހަގަ ކުރުމަށް ފިރިހެނުން ކޯޑި ކުޅެނީ --- ފޮޓޯ/ އިބްރާހީމް ދާއޫދު
ކުލަގަދަކޮން އީދު ފާހަގަކުރުމުގެ ގޮތުން އީދުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. މިގޮތުން ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުމާއި މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯއަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށް އެޗްޑީސީއިން ބުންޏެވެ.
އެޗްޑީސީން ބުނީ، އީދު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއަ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ އީދު އުފާ"އާއެކު މިއަހަރުގެ އަޟްހާ އީދު ވާނީ ވަރަށް ފޯރިގަދަ އީދަކަށް ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ބުންޏެވެ.