12 Jun 2024, 07:36
"ދޮންތާ!" އިޝްފާން ދޮރުގެ ތަޅުގައި ހިފާ ދޮރު ކޮށްޕާލުމާއެކު، ހުޅުވިގެން ދިޔައެވެ.
ދޮރު ހުރީ ތަޅުނުލައެވެ. ވާފިރަށް ސިހިފައި ބަލާލެވުނެވެ. ތަޅުނުލެވުނުކަން ހަނދާންވީ ދެނެވެ.
އޭތް. ނުބައި ނުލަފާ…." ކަންތައްވީ ގޮތް ނަގައިގަންނާކަށް އިޝްފާންއަކަށް އުނދަގުލެއް ނުވިއެވެ. އައި ރުޅީގައި އެ ދިޔަ ގޮތަށް ގޮސް އޭނާ ވާފިރުގެ ކަރުގައި ހިފާ އެނދުން ވައްޓާލިއެވެ. ރޮމުން ދިޔަ ސަވާގެ ގިސްލުމުގެ އަޑުވެސް ބާރުވިއެވެ.
ވާފިރުގެ މޫނުމަތީގައި ގޮށްމުށުން ތަޅަމުން އިޝްފާން ދިޔައީ ރުޅިއައިސް ރަތްވެފައިވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް އޭނާގެ ނެތްފަދައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ލޯބިވާ މީހަކަށް އަނިޔާއެއް ލިބެން އެދޭނީ ކާކުހެއްޔެވެ؟ އަދި އެވެސް އެހާ ބޮޑު އަނިޔާއެކެވެ. ދުލަށް އައިހާ ހުތުރު އެއްޗެއް އިޝްފާން ވާފިރާ ދިމާލަށް ކިޔެވެ. ވާފިރުގެ އަނގައިން ލޭތައް އޮހެމުން ދިޔަ އިރުވެސް އޭނާ ހުއްޓައެއް ނުލިއެވެ.
"އިޝް…ފާން…" ވާފިރަށް ވާހަކަ ދެއްކުންވެސް ވީ ދަތިކަމަކަށެވެ. ކަތުރުކަށިގަނޑުވެސް ހީވަނީ ބިނދިފައިވާހެންނެވެ. އެހާވެސް ބޮޑަށް ވޭން އަޅަމުން ދިޔައެވެ.
"ތަދުވޭތަ؟ ކަލެއަށް ތަދުވޭތަ؟ ވޭން އަޅާތަ؟" ވާފިރުގެ ކަރުގައި ހިފަމުން އިޝްފާން ބުނެލިއެވެ.
"ބުނެބަލަ! ތަދުވޭހޭ؟" މޮޔައަކު ފަދައިން ހަޅޭއްލަވަމުން ދިޔަ އިޝްފާންގެ ލޭ ކެކެމުން ދިޔައެވެ. އޭނާގެ ދޮންތައަށް އެވަރުގެ ދެރައެއް ދީފައި މިނިވަންކަމާއެކު އުޅެވިދާނެކަމަށް ވާފިރު ހީކުރަނީހެއްޔެވެ؟ ނޫނެކެވެ. އޭނާ ވާފިރުގެ ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނެއެވެ.
"މިރޭ އެކަނިތަ ކަލޭ މި….." ޖުމްލައިގެ މެދު ތެރޭން އިޝްފާންގެ ސިކުނޑީގެ ނާރުތަކަށް ވާންވެލިއެވެ. "އެ ދުވަހު ދޮންތަ ނުކުތީ ކަލޭ ކިބައިން ސަލާމަތްވާން ވެގެން.. އާނ…"
ސަވާއަށް ބަދަލުތައް އައީ އެ ދުވަހުގެ ފަހުންނެވެ. ވިސްނާލުމުން ހުރިހާކަމެއް އިޝްފާންއަށް ފަހުމްވެއްޖެއެވެ. ސިކުނޑީގެ އެކި ދިމަ ދިމާލުގައިވީ އެތިކޮޅުތައް ގުޅި މުޅި މަންޒަރު އޭނާއަށް ސާފުވެއްޖެއެވެ. ހަމައެއާއެކު އޭނާގެ މޭގައި ރިހުމެއް އުފެދިއްޖެއެވެ. ސަވާއަށް ބަލައިލެވުނު ހިނދު ހަރަކާތްތައް މަޑުޖެހުނެވެ. އެ ރޭ އޭނާއަށް އެ ވޭނުން ސަވާ ސަލާމަތްކޮށްދެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ އަމިއްލަ ނަފްސު ކުށްވެރިކުރެވުނު އިޝްފާންއަށް ވާފިރުގެ ކަރުން ދޫކޮށްލެވުނެވެ. ދެއަތުން ހީވީ ވާގި ދިޔަހެންނެވެ.
"ދޮންތާ…" އިޝްފާން ތެދުވިއެވެ.
"އައި އެމް ސޮރީ.. އަހަންނަށް މާފު ކުރޭ…"އިޝްފާން މާފަށް އެދެމުން ދިޔައީ ކުރެވެމުންދިޔަ ކުށްވެރި އިޙްސާސްގެ ސަބަބުންނެވެ. އޭނާ ހަމަހޭގައި ހުރިނަމަ ދޮންތައަށް އެފަދަ ދެރައެއް ނުލިބުނީހެވެ. ދޮންތަގެ ރުޅިވެރިކަމުގެ އަސްލުވެސް ނަގައިގަނެވުނީ ދެނެވެ. ލިބުނު ފުރުސަތާއެކު،
ވާފިރު ތެދުވިއެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ހިނގައިގަތް އިރުވެސް، އޭނާގެ އަނގަޔާއި ނޭފަތުން ލޭ އާދެއެވެ.
'އާހް…" ވާފިރުގެ ވޭނީ އާހުގެ އަޑާއެކު އިޝްފާންއަށް އެ ދިމާލަށް ބަލައިލެވުނެވެ. ދެބުމަ ގޮށްޖެހިގެން ދިޔުމާއެކު އެ ދިޔަ ގޮތަށް ގޮސް ވާފިރުގެ އުނަގަނޑުގައި ކޮޅުފައިން ޖެހިއެވެ. އެއްލިގެން ދިޔަ ބާރުމިނުގައި އޭނާ ވެއްޓުނެވެ.
އިޝްފާން އުޅެން ފެށި ގޮތުން ސަވާ ބިރުގަތެވެ.
"އިޝްފާން ހުއްޓާލާ. އޭނާ މަރުވެދާނެ.؟" ތުރުތުރު އަޅަމުންދިޔަ އަޑަކުން ސަވާ ބުންޏެވެ.
ފޯނު ނަގާ ސަވާ މަދީހާއަށް ގުޅާލީ އެވަގުތު ކުރާނެ އިތުރު ކަމެއް އޭނާގެ ސިކުނޑިއަށް ނައުމުންނެވެ.
"މަން… މަންމާ… އާދެބަލަ.. މަންމާ…" ހާސްވެ ކަންބޮޑުވެފައި އިން ސަވާއަށް ރޮވޭވަރުން ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ.
"ދަރިފުޅާ.. ކިހިނެއްވީ؟ މަންމަމެން މިހާރު މިދަނީ އޭ. ހުއްޓާލަބަލަ. ހުއްޓާލާފަ ވީގޮތެއް ބުނެބަލަ!..." މަދީހާވެސް ހާސްވެއްޖެއެވެ. "މިހާރު މިދަނީ…" އެހެން ބުނެލާފައި މަދީހާ ފޯނު ބޭއްވިއެވެ.
ފަތުޙީއާ މަދީހާއާ ދެމީހުން ހޮޓެލުން ނުކުތްއިރު ޑްރައިވަރު އިންތިޒާރުގައި ހުއްޓެވެ. ދެމީހުން ކާރަށް އެރުމުން ޑްރައިވަރު ވެސް ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ގެއަށް ދެވުމާއެކު، އެންމެ ފުރަތަމަ ކާރުން ފޭބީ މަދީހާއެވެ. ލިފްޓު އަންނަން އެ ނެގި މަދު ސިކުންތުކޮޅުވެސް ހީވީ ގަރުނެއްހެންނެވެ. ލިފްޓު އައުމާއެކު މައްޗަށް ގޮސް އެޕާރޓްމެންޓް ދޮރު ހުޅުވާލިއިރު ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. އޭނާ ބާރު ބާރަށް ސަވާގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ސިޑިން އަރައިގެން ގޮސް ސަވާގެ ކޮޓަރިއާ ދިމާލަށް ދިޔައިރު، ދޮރު ހުރީ ހުޅުވާފައެވެ.
އޭނާ ގޮސް ކޮޓަރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ލިބުނު ސިހުމުގައި ހަޅޭއްލަވައިގަނެވިއްޖެއެވެ. އެ ހަޅޭކުގެ އަޑަށް ފަތުޙީވެސް އަތުވެއްޖެއެވެ. އޭނާއަށް ވެސް ލިބުނީ މަދީހާއަށް ލިބުނު ފަދަ ޝޮކެކެވެ.
ވާފިރަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތައް ލިބިފައެވެ.
"އިޝްފާން…." ފަތުޙީ ގޮވާލިއެވެ. މަދީހާ އޭނާގެ ނަފުސު ހަމައަކަށް އަޅުވާލަމުން ގޮސް ސަވާ މަސަލަސްކުރަން އަވަސްވެގަތްއިރު ފަތުޙީ ދިޔައީ ވާފިރު ކައިރިއަށެވެ. އެއަށްފަހު، އޭނާ އިޝްފާންއަށް ބަލައިލިއެވެ. ވެގެން އުޅޭ ގޮތުގެ ތަފްސީއެއް އޭނާ ބޭނުންވާފަދައެވެ.
"އިޝްފާން. ކިހިނެއްވީކަމެއް؟" ފަތުޙީ ޖަޒުބާތުގައި ނުޖެހި ވޭތޯ މަސައްކަތްކުރިއެވެ.
"މިހާ އަނިޔާ ވާފިރަށް ކުރަން ޖެހުނު ސަބަބަކީ ކޮބާ؟" އެންބިއުލާންސްއަށް ގުޅަން އަވަސްވެގަންނަމުން ފަތުޙީ ސުވާލުކޮށްލިއެވެ.
"ތީގެ ބަދަލުގަ އެންމެ ފުރަތަަމަ ކުރަންވި ސުވާލަކީ އޭނަ މިތާ އޮތީ ކީއްވެތޯއެއްނޫންތަ؟" އިޝްފާން ގޮނޑިން ތެދުވެ ފަތުޙީއާ ކުރިމަތިލިއެވެ. "މިތާ... ދޮންތަ ކޮޓަރީގައި އޭނަ އޮންނަންޖެހުނު ސަބަބާ ބެހޭގޮތުން... ނޫންތަ؟"
ފަތުޙީ ސަވާއަށް ބަލައިލުމާއެކު، އޭނާ ހުއްޓުން އަރާގޮތްވިއެވެ. ބުނާނެ އެއްޗެއް ހިނދުކޮޅަކަށް ނޭނގި ހުރެވުނީ ސަވާގެ ފަރާތުން ފެނުނު އަސަރުތަކުން ވީ ގޮތް އޭނާގެ ވިސްނުން ތޫނު ސިކުނޑިއަށް ވެސް ނަގައިގަނެވުނީތީއެވެ. މޫނު އަނބުރާލާފައި އަނެއްކާވެސް ބަލައިލެވުނީ ވާފިރަށެވެ. ވާފިރު އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް ހުވަފެނުންވެސް ފެނިފައި ނުވެއެވެ. އަމިއްލަ ދަރިފުޅާ ގާތް ގުޅުމެއް ނެތްނަމަވެސް، އެކަމުގެ ސަބަބުން ފަތުޙީގެ ހިތަށް ވެސް ކޮންމެވެސް އަސަރުތަކެއް ކުރި ފަދައެވެ. ހިމޭންވެފައި ހުރެވުނީ އެހެންވެކަން ނޭނގެއެވެ.
"ދެން އަހާބަލަ މީ އަދި އަލަށް ވީ ކަމެއްތޯ؟ އޭނަ މަގޭ ދޮންތައަށް މި ގޮތަށް އަނިޔާ ކުރާތާ ކިހާ ދުވަހެއް ވެއްޖެތޯ؟ އޭނަ ކައިރީގައި އަހާބަލަ..." ތަނަށްވެރިވެފައިވީ ހަމަހިމޭންކަން މިފަހަރުވެސް ފޫދުއްވައިލީ އިޝްފާންގެ އެ ސުވާލުތަކުންނެވެ.
"ދަރިފުޅާ! މިކަމެއް ހިނގާތާ ކިހާ ދުވަހެއް ވެއްޖެ؟" މަދީހާ ރޮމުން ރޮމުން ސުވާލުކޮށްލީ ސަވާއާއެވެ. "ބުނެބަލަ! ކީއްވެ ކުރިން މަންމަ ކައިރީގައި ނުބުނީ. ކީއްވެ މަންމައަށް އިތުބާރު ނުކުރެވުނީ. މަންމަ އެކަން ގަބޫލުނުކުރާނެކަމަށް ހީވީތަ؟ އެހެންވެތަ ސިއްރުކުރީ؟"
މަދީހާ އޭނާގެ ހިތުގައި އުފެދުނު ޝަކުވާތައް ސަވާގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ސަވާ އޭނާގެ ކައިރީގައި އޭގެން އެއްވެސް ވާހަކައެއް ނުބުނީތީ މަދީހާއަށް އަމިއްލަ ނަފުސުވެސް ކުށްވެރިކުރެވެމުން ދިޔައެވެ. މިވީ ހުރިހާ އަހަރުތަކެއްގައިވެސް އޭނާއަށް އިތުބާރު ސަވާއަށް ނުކުރެވުނީ އޭނާގެ އަމަލުތައް ކިހިނަކުން ބެހެއްޓިފައިވާތީ ހެއްޔެވެ؟ ދަރިފުޅަށް ދޭން ޖެހޭ ސަމާލުކަން ނުދެވުނީމަ ހެއްޔެވެ؟ އިޝްފާން ޑްރަގްގެ ޝިކާރައަކަށްވެފައިވާއިރު، ސަވާވެސް އެވަނީ އަޑި ނޭނގޭ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ހިތާމައިގެ ކަނޑަކަށް ޣަރަޤުވެފައެވެ. އޭނާގެ ދެ ދަރިންނަށް އެފަދަ ބޮޑު ދެރައެއް ލިބެން މެދުވެރިވީ އޭނާގެ ސަބަބުން ހެއްޔެވެ؟ އަޅައިލަން ވާވަރަށް އަޅައިނުލެވުނީ ހެއްޔެވެ؟ ދަރިން އޭނާއާ ދުރުގައި ގެންގުޅެވުނީ ހެއްޔެވެ؟ ހިތުގެ ޝިކާޔަތުތައް ބަންޑުންވާން ފެށުމުން މަދީހާއަށް ގިސްލެވެން ފެށިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަޔެއްގެ ލަގޮނޑިއަށް ވެސް ކެތްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އޭނާގެ ލޯބިވާ އާއިލާ އެވަނީ ގިލަންވެރިކަމެއްގެ ތެރޭގައި ހައްޔަރުވެފައެވެ.
"ފަތުޙީ! ދެން އަހަރެމެން ކިހިނެއް ހަދާނީ.." މަދީހާ ފަތުޙީއަށް ބަލާލިއިރު އޭނާގެ އަޑުގައި ތުރުތުރު އެޅުމެއް ވެއެވެ.
"ފުލުހުންނަށް ގުޅީމަ ނިމުނީނު." ފަތުޙީއަށް ބަލައިލާފައި އިޝްފާން ބުންޏެވެ.
ފަތުޙީއަށް އޭނާގެ ނިތުގައި އަތް ޖައްސާލާފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އޭރުން އަހަރެންގެ ޢާއިލާ ބަދުނާމު ވާނެ… ސަވާ…" ފަތުޙީއަށް ސަވާއަށް ބަލައިލެވުނެވެ.
"ވާހް ވާހް ވާހް. ތީ އަންހެން ދަރީގެ ބައްޕަތަ؟ މިއުޅެނީ އޭނަ ރޭޕްކޮށްގެންނޭ… އެކަމަކުވެސް ތިބުނަނީ މިކަންތައް ސިއްރުކުރާށޭތަ؟" އިޝްފާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފަތުޙީގެ ހިތުގައި އޭނާގެ އަންހެން ދަރިއާ ދޭތެރޭ ކުޑަވެސް ރަޙުމެއް ނެތީހެއްޔެވެ؟ އަދިވެސް އެ އުޅެނީ މި އަނިޔާވެރިޔާގެ އެ ހަޑި ހުތުރު އަމަލު ސިއްރުކުރަން ހެއްޔެވެ؟ ދޮންތައަށް ލިބިފައިވާ ތަކުލީފުތައް ނުފެންނަނީ ހެއްޔެވެ؟ އެއީ ކޮން ކަހަލަ ބައްޕައެއް ހެއްޔެވެ؟
"މިކަންތައް އެންމެނަށް އެނގިއްޖެއްޔާ އަހަރެންގެ އާއިލާއަށް މީހުން އިނގިލި ދިއްކުރާނެ. ވިސްނަބަލަ! ސަވާއާ ދިމާލަށްވެސް ފާޑު ފާޑުގެ އެއްޗެހި ކިޔާނެ. އެހެންވީމަ އެންމެ ރަނގަޅުވާނީ މިކަން ސިއްރުކުރިއްޔާ… އަހަރެން ކޮންމެވެސް ގޮތެއް ހަދާނަމޭ… ވާފިރު…" ފަތުޙީގެ ވާހަކަ އިޝްފާން މެދު ކަނޑާލިއެވެ.
"ކޮން ގޮތެއް ހަދާނީ؟ ތިއުޅެނީ ކޮންމެހެން ދޮންތައާ ދިމާލަށް މީހަކު އެއްޗެއް ކިޔާފާނެތީއެއް ނޫން. ތިއުޅެނީ ކަލޭގެ އާއިލާގެ މީހަކު މިފަދަ އަމަލެއްކުރީމަ މީހުން ކަލޭގެ އާއިލާއާ ކަލެއަށް ދިއްކުރާނެ އިނގިއްޔަކުން ސަލާމަތް ވާންވެގެން. ސިޔާސީ ޙަޔާތުގަ ލައްގަނޑެއް ޖެހޭނެއެއްނު އޭރުން.... ރޭޕިސްޓެއްގެ ބޭބެގެ ލަގަބު ލިބެން ބޭނުންވާނީ ކާކު؟" އިޝްފާން ފަތުޙީއަށް ރައްދުދިނެވެ.
"ސަވާ… އިތުރު އެއްވެސް މީހެއް ކައިރީގައި މި ވާހަކަ ބުނެގެން ނުވާނެ." ފަތުޙީ ބޭނުންވީ އެކަން ސިއްރުކުރާށެވެ.
"އެ ދޮގު. ދޮންތާ ހުރިހާކަމެއް ކިޔައިދޭތި!.... ނުފެނޭތަ؟ ޝީ ނީޑްސް ހެލްޕް. މެޑިކަލް އެންޑް ސައިކޮލޮޖިކަލް. މި ފިރިހެނާ އެކަނިތަ ހޮސްޕިޓަލަށް ގެންދަން ޖެހޭނީ. މަގޭ ދޮންތައަށްވެސް ފަރުވާ ބޭނުންވޭ…" އިޝްފާން ހަޅޭއްލަވައިގަތެވެ.
"އެ ތެދެއް ވާފިރު. ސަވާއަށް ވެސް އެހީ ބޭނުންވޭ. މިކަން ސިއްރުކުރުމަކީ ރަނގަޅު ގޮތެއް ނޫން. ވާފިރު ކުރި ކުށެއްގެ އަދަބު އޭނާއަށް ލިބެން ޖެހޭނެ." މަދީހާ ބުންޏެވެ.
"ކޯޓަށް ގޮސްގެން މުޅި މީޑިއާގެ ސަމާލުކަން ހޯދައިގެން މީ ނުވާކަމަކަށް ހެދޭނެތަ؟ ނުހެދޭނެއެއްނު. އިތުރަށް ބޭޒާރުވާނީ. އެހެންވީމަ މިކަން އެކަކުވެސް ހާމަކޮށްގެން ނުވާނެ. އަހަރެން ވާފިރު މިތަނުގައި ނުބަހައްޓާނަމޭ. އޭރުން ސަވާއަށްވެސް އިތުރު ގެއްލުމެއް ނުވާނެ." އޭނާގެ ސިޔާސީ ޙަޔާތުގައި އޭހާ ހިސާބަށް އައިސްފައި ދެން އިތުރު ކޫރުމެއް އެ ޙަޔާތުގައި އެޅޭކަށް ފަތުޙީ ބޭނުމެއް ނޫނެވެ. މިހާރު އޭނާ އެދަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ތައްޔާރުވަމުންނެވެ. ކެންޕެއިން ދުވަސްވަރުކަމުން، އިދިކޮޅު މީހުން އަބަދު ތިބެނީ ޚަބަރުގައި ލިޔެލާނެ ވާހަކައަކަށް ބަލަ ބަލައެވެ. އެހެންކަމުން މި ކަންތައް މި ވަގުތަށް ސިއްރުކުރަމަކީ އެންމެ ރަނގަޅު ގޮތެވެ. ފަތުޙީ ހުރީ އޭނާގެ ގޮތުގައެވެ.
"ހެޔޮނުވާނެ. ދޮންތައަށް އިންސާފު ހޯދައިދީ… މަންމާ… އެއްޗެއް ނުބުނާނަންތަ؟" ފަތުޙީއާ ދެކޮޅަށް އިތުރު އެއްޗެއް ނުބުނާތީ އިޝްފާން މަދީހާއަށް ބަލާލިއެވެ. އިޝްފާންގެ ދުލުން އެގޮތަށް އެ ލަފުޒު އަޑު އިވުމުން މަދީހާގެ ހިތުގައި އިތުރަށް ޖެހުނެވެ.
ފަތުޙީއާ އިޝްފާން އާ އެކަކު އަނެކަކާ ޒުވާބުކުރަން ފެށުމުން އެންމެފަހުން ސަވާއަށް އުނދަގޫވިއެވެ.
"ދެން ހެޔޮ. އެކަކު އެއްކަމެއްވެސް ކުރާނެކަމެއް ނެތް. އަހަރެންގެ ޙާލަށް އަހަރެން ދޫކޮށްލާ…" ސަވާ ހަޅޭއްލަވައިގަތެވެ.
"ބައްޕަ މިކަން މިކުރަނީ ދަރިފުޅަށް ރަނގަޅަކަށޭ…" ފަތުޙީ އަށް އެހެން ބުނެވުނުއިރު، އެންބިއުލާންސްގެ ސައިރެންގެ އަޑު އިވެން ފަށައިފިއެވެ.
އެންބިއުލާންސް އައުމާއެކު ވާފިރު ހޮސްޕިޓަކަށް ގެންދެވުނެވެ. އިމަރޖެންސީއަށް ވާފިރު ވެއްދުމާއެކު، ފަތުޙީ އެއްފަރާތަކަށް ޖެހިލާ މީހަކަށް ގުޅާލިއެވެ. ގަޑިގަނޑަކަށް ދިހަ ވަރަކަށް މިނެޓްގެ އެ ފޯނު ކޯލަށްފަހު އޭނާ ގޮސް އިމަޖެންސީ ތެރެއަށް ވަނެވެ.
ޑޮކްޓަރުން ވާފިރަށް އަވަސް ފަރުވާ ދޭން ފެށިއެވެ. ވާފިރުގެ މުޅި ގައިންވެސް އަނިޔާގެ ނިޝާންތައް ފެނުމުން ފުލުހުންނަށް ގުޅަން އެމީހުންނަށް މަޖުބޫރުވިއެވެ.
ފުލުހުންނަށް ގުޅިތާ ލަސްތަކެއްނުވެ ފުލުހުންގެ ޓީމެއް އަތުވެއްޖެއެވެ. އެ ޓީމުގައި އިސްކޮށް ހުރި ފުލުހުންގެ އޮފިސަރު ފަތުޙީއަށް ބަލާލާފައި ބޯ ޖަހާލީ ހާސްނުވާށޭ ބުނާ ފަދައަކުންނެވެ. ދެންމެ ފަތުޙީ ގުޅާފައި ކަންތައްކުރަންވީ ގޮތް އޮތީ އޭނާގެ ކައިރީގައި ބުނެފައެވެ. ފަތުޙީގެ ނުފޫޒާއެކު އަޑިއަޑިން މައްސަލަ ނިންމާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަކީ ފަތުޙީ އެއްގޮތަކަށްވެސް ބިރުގަންނަކަމެއް ނޫނެވެ. އަމިއްލަ މީހާގެ ފައިދާއަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންވެސް އޭނަ ޖެހިލުމެއް ނުވާނެއެވެ.
ތިން ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދީފައި ވާފިރު ދޫކޮށްލިއެވެ. އޭނާ ގޮވައިގެން ގެއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާތީ ފަތުޙީ ނިންމީ އެހެން ތަނެއްގައި ވާފިރު ބަހައްޓާށެވެ. ފަތުޙީ ވާފިރާ ދިމާލަށް ކިތަންމެ ވަރަކަށް ވެސް އެއްޗެހި ކިޔެވެ. ފަތުޙީ އޭނާ ދެކެ ރުޅި އައިސް ހުއްޓަސް، އެ މައްސަލަ ފުލުހަށް ހުށަނާޅާނެކަމުގެ ޔަޤީންކަން ވާފިރަށް އޮތް ފަދައެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ.
"އަހަންނާ ކަލެއާ އިތުރު ގުޅުމެއް ނޯންނާނެ މީގެ ފަހުން. ވީ އެންމެ އަވަަހަކަށް ރާއްޖޭން ބޭރަށް ފުރާ." ފަތުޙީ ވާފިރަށް ބުންޏެވެ. ފަތުޙީގެ މަޤްސަދު ވާފިރަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ މައްސަލަ އެ ހިސާބުން ނިންމާލަން ބޭނުންވާ ސަބަބުވެސް މެއެވެ. ފަތުޙީ އޭނާގެ ސިޔާސީ ޙަޔާތުގައި ލައްގަނޑެއް ޖެހެން ނޭދެނީއެވެ. ބަދުނާމުވާން ނޭދެނީއެވެ.
ފަތުޙީގެއަށް ގޮސް ވަތްއިރު ސަވާއާ މަދީހާގެ އިތުރުން އިޝްފާންވެސް ގޭގެ ސިޓިން ރޫމުގައި ތިއްބެވެ. މިވީ ތިން ދުވަހު އެ މައްސަލަ ފުލުހަށް ހުށައަޅައިގެން ކުރިއަށްދާން އިޝްފާން އެންމެންގެ ގާތުގައި އާދޭސްކުރިއެވެ. ސަވާގާތުގައިވެސް މެއެވެ. އެހެންނަމަވެސް ފަތުޙީގެ ނުފޫޒު ގަދަކަމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. ފަތުޙީ ދިޔައީ އެކި ގޮތްގޮތުން ސަވާއާ މަދީޙާ ބަލިކަށިކުރަމުންނެވެ. އެކި އެކި ވާހަކަތައް ދައްކައިގެން އެ ދެމީހުން އެ މައްސަލަ ހުށައެޅުމުން ދުރުކުރުވަމުންނެވެ. އެކަމާ އެންމެ ރުޅި އައީ އިޝްފާންއެވެ.
***ހަފްތާއެއް ފަސް **
ކޮފީއެއް ހިފާލައިގެން ފަތުޙީ ޓެރެސްގައި ހުރިއިރު، މި ވޭތުވެ ދިޔަ ހަފްތާގައި ވީ ކަންތައްތަކާ މެދު އޭނާ ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އުސް އިމާރާތްތަކުގެ ލައިޓްތައް ފެންނަނީ ހިތްގައިމުކޮށެވެ. ޖެހެމުންދިޔަ ވައިޅޯޅިތަކުގައި ވެސް ވަނީ މެދުމިނުގެ ފިނިކަމެކެވެ.
"ކަލޭ ލަދެއް ނުގަނޭތަ އަމިއްލަ ދަރިއަށް އިންސާފު ހޯދައިނުދީ ހުންނަން. އަބުރާ އިއްޒަތޯ." ޓެރެސްއަށް އެރި އިޝްފާންއަށް ފަތުޙީ ފެނުމާއެކު އެއްޗެއް ނުބުނެ ނުހުރެވުނެވެ.
"ތީތަ އަހަންނާ ވާހަކަ ދައްކަން ޖެހޭ ގޮތަކީ. ކޮންމެ ގޮތަކަށް ވާހަކަ ދެއްކިނަމަވެސް މީ ކަލޭގެ ބައްޕަ. މި ހަޤީގަތް ބަދަލެއް ނުކުރެވޭނެ. އާއިލާގެ އަބުރާ ޢިއްޒަތަކީ ކިހާ މުހިންމު އެއްޗެއްކަން އެނގޭނީ އާއިލާއެއް ބިނާކުރެވޭ ދުވަހަކުން." ފަތުޙީ އެހެން ބުނުމާއެކު، އިޝްފާން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
"ވަރަށް ރީތި ވާހަކައެއް ތީ…" ހީނގަނެފައި އިޝްފާން ބުނެލިއެވެ.
"މާ މަޖާ ވާހަކައެއްތަ މި ބުނެވުނީ." ފަތުޙީގެ ދެބުމަ ގޮށްޖެހުނެވެ.
"އާއިލާ ތިހާ މުހިންމު ވާނަމަ، އާއިލާގެ އަބުރާ ޢިއްޒަތް ތިހާ މުހިންމު ވާނަމަ، މަންމައާ އިނދެގެން ހުރެ ހިލޭ އަންހެނަކާ ގުޅުމެއް ނުބާއްވާނެ." ކެތްތެރިކަން ކޮޅުންލި އިޝްފާންގެ އެ ޖުމްލައާއެކު ފަތުޙީއަށް ލިބުނު ޝޮކާއެކު މީހާގެ ހަރަކާތްތައް މަޑުޖެހުނެވެ.
(ނުނިމޭ)