ޗައިނާ ސަރުކާރަށް ސިޔާސީ ލަފާދޭ އެންމެ އިސް މުއައްސަސާ، ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ ވައިސް ޗެއާމަން ބަޓީރް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ހަވީރު ރާއްޖެ ވަޑައިގަތް ބަޓީރްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ، ބަޓީރްގެ ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި އޭނާ ނާޒިމްގެ އިތުރުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލު ކުރައްވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޓީރް އެ ބައްދަލުކުރެއްވުންތައް މާދަމާ ފައްޓަވާނެ ކަމަށާއި ސަރުކާރުގެ އިސްވެރިންނާ ވެސް އޭނާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ބަޓީރް ސީޕީޕީސީސީގެ ވައިސް ޗެއާމަން ކަމާ ހަވާލުވީ 2018ގައެވެ.

ކޮމިއުނިސްޓް ޕާޓީ އާއި ތަފާތު ޖަމިއްޔާތަކުގެ މެންބަރުން ހިމެނޭ ސީޕީޕީސީސީން ސިޔާސީ އަދި އިޖުތިމާއީ ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކަށް ލަފާދެއެވެ. ނަމަވެސް އެއީ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާއެއް ނޫނެވެ.

ޗައިނާގެ ސަރުކާރާ ގުޅުން އޮތް އިސް ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި، ޚާއްސަކޮށް ރާއްޖޭގައި އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން އޮތް މިންވަރަށް ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ މައިގަނޑު ސަބަބަކީ، މި ސަރުކާރުގެ ފެށިގެން އައިއިރު އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އޮތުމާއި މިއީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައި ސިފަކުރެވިފައި އޮތުމެވެ.

ރާއްޖޭގެ ރައީސުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު އާންމު ގޮތެއްގައި ކުރައްވަނީ އިންޑިއާއަށް ނަމަވެސް، މިފަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ އެގައުމަށް ކަމަށް ނުވުމުން، ރާއްޖެއާއި އިންޑިއާގެ ގުޅުމެއް އަސަރު ކުރާނެ ކަމަށް ބުނެ ވާހަކަދެކެވުނެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ދެވަނަ ރަސްމީ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ. އެ މަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މި ހަފުތާގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

އެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް ދެ ސަރުކާރުން ވެސް ވަނީ ބުނެފައެވެ.