11 Jun 2024, 23:40
އެމްޓީސީސީގެ 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެ ކުންފުނިން މިއަދު ބޭއްވި ޚާއްސަ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މިދިޔަ އަހަރު ބޭއްވި 2022 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހިއްސާގެ ފައިދާއަށް ހަތަރު ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އެ އަހަރުގެ އާންމު ޖަލްސާއަށް ހުށަހެޅުމުން، ހިއްސާދާރުންގެ ބޯޑުން އެ އައިޓަމް ފާސްނުވާ ކަމަށް ކަނޑައެޅިއެވެ.
އެހެންވެ، މިއަދު ބޭއްވި ޚާއްސަ އާންމު ޖަލްސާގައި 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުންފުނީގެ މިހާރު މެނޭޖްމަންޓުން ނިންމިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، 2022ގެ ފައިދާއަށް ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.
އެ ކުންފުނިން ބުނީ އެ ޖަލްސާގައި 47 ހިއްސާދާރުން ބައިވެރިވި ކަމަށާއި އެއީ ޖުމްލަ 5.5 މިލިއަން ހިއްސާ ކަމަށެވެ.
އެ ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ ތާއިދާއެކު ފާސްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ކުންފުނީގެ ގާނޫނު ތަސްދީގު ކުރި ފަހުން އެމްޓީސީސީއަކީ، ގާނޫނާ އެއްގޮތް ކުރުމަށް ފަހު ކުންފުނީގެ އަސާސީ އަދި ހިންގާ ގަވައިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުނި ކަމަށް އެ ބަޔާނުގައިވެއެވެ.
އެމްޓީސީސީން މިދިޔަ އަހަރުގެ މާލީ ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު، ނިމިދިޔަ 2023ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، އެ ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.