12 Jun 2024, 12:04
މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި މިއަދު މުޒާހަރާތަކެއް ފަށައިފިއެވެ.
މާލެ ސަރަހައްދާއި ގދ. މަޑަވެލީގައި މުޒާހަރާ ކުރިއަށްގެންދާއިރު، މި ސަރަހައްދުގައި މުޒާހަރާ އިންތިޒާމު ކޮށްފައިވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި ކުރިއަށްގެންދާ އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރު ބައިވެރިވެފައިވެއެވެ.
އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ، ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާއި ދެކޮޅު ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށް އިހުތިޖާޖުގައި ގޮވާލަމުންދެއެވެ.
އެ ޖަމިއްޔާއިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެެއްގައި ވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނުއެޅުން ހުއްދަކުރުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިގޮތުން، ލޭނު އެޅުން ހުއްދަ ކުރުމުގެ ސަބަބުން ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދުމާއި، ކަނޑުމަތިން އެއް ބޯޓުން އަނެއް ބޯޓަށް މަސްގަނެ ވިއްކައި، ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޖަމިއްޔާއިން ވަނީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ސަލާމަތްކުރުމުގައި ސަރުކާރުގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ.
މަޑަވެލީގައި ކުރިއަށްގެންދާ މުޒާހަރާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، އެރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ، އެއީ މަސްވެރިންނަށް ފައިސާ ނުލިބޭތީ ބާއްވާ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.
ނަމަވެސް، މިހާރު އެ އިހުތިޖާޖު ނިންމާލާފައިވާ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ގުޅުއްވި ކަމަށް ފިޔާޒް ވިދާޅުވިއެވެ.

އެ ފޯންކޯލުގައި، މަސްވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރި ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާއި އެފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އިއްޔެ ވަނީ ބުނެފައެވެ.
މިގޮތުން، މިފްކޯއިން އިއްޔެ "ސަން"އަށް ބުނީ، މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ޕޭމަންޓެއް މިއަދު ނުވަތަ މާދަމާ މަސްވެރިންނަށް ފޮނުވާނެ ކަމަށެވެ.