12 Jun 2024, 13:35
އިންތިޚާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނަށް ދީ ޚަލާސްކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށް، މާލެ ސަރަހައްދާއި ގދ. މަޑަވެލީގައި ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި މިއަދު ވަނީ މުޒާހަރާތަކެއް ފަށައިފައެވެ.
މިކަމާ ގުޅިގެން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްޤެއް ކަމަށެވެ. އަދި، އެއީ މަސްވެރިންގެ ހައްޤަކަށްވުމުން އެ ހައްޤު ވަގުތުން އަދާކުރަމް އޭނާގެ ޕޯސްޓުގައި ވަނީ ސަރުކާރުން ގޮވާލައްވައިފައެވެ.
އޭނާ ވިދާޅުވީ، މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެންދިޔަ ކަމަށެވެ. އަދި، އެކަމާ ގުޅިގެން މަސްވެރިން މުޒާހަރާކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން އެ ފައިސާ ދެއްކިކަން މަސްވެރިން ހަނދާން އެބަހުރި ކަމަށް މުޒާހަރާގައި ބުނަމުންދާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްވެރިން ކިރި މަހަށް މިހާތަނަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށް މިފްކޯއިން އިއްޔެ ވަނީ ބުނެފައެވެ.
"މި ވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށް ގޮވާލަމެވެ," ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަވެގެން ދެ ދުވަސް ތެރޭ ފައިސާ ޖަމާކުރާނެ ކަމަށް ވައުދުވިކަން ވެސް މަސްވެރިންގެ މުޒާހަރާގައި ހަނދާންކޮށްދެމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ލޭނު އެޅުމާ ދެކޮޅަށް ހުޅުމާލޭގައި މަސްވެރިން ކުރިއަށްގެންދާ ބޮޑު އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ބޮޑު ކަންނެލި ޔޫނިއަން، ފޭސްބުކް
މިފްކޯއިން އިއްޔެ ބުނީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާ ވެސް އަވަހަށް ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިގޮތުން، މިފްކޯއިން އިއްޔެ ބުނީ، މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ބައެއް މިއަދު ނުވަތަ މާދަމާ މަސްވެރިންނަށް ފޮނުވާނެ ކަމަށެވެ.
މާލެ ސަރަހައްދާއި ގދ. މަޑަވެލީގައި މަސްވެރިންގެ މުޒާހަރާ ކުރިއަށްގެންދާއިރު، މި ސަރަހައްދުގައި މުޒާހަރާ އިންތިޒާމުކޮށްފައިވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި ވެސް ކުރިއަށްގެންދާ އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރު ބައިވެރިވެފައިވެއެވެ.
އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ، ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާ ދެކޮޅު ކަމަށް ބުނަމުންނެވެ. އަދި، ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށް އިހުތިޖާޖުގައި އަންނަނީ ގޮވާލަމުންނެވެ.