12 Jun 2024, 14:56
ޓެލްއަވީވު (12 ޖޫން 2024): ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިކަން ކަށަވަރުކޮށްދެމުން އިސްރާއީލުގެ ސިފައިންގެ ރޭޑިއޯ ބުނިގޮތުގައި ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް 100 ރޮކެޓް ފޮނުވާލީ އެންމެ ހައެއްކަ މިނިޓު ތެރޭގައެވެ. މިއީ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޖަމާއަތުން މިހާ ގިނަ އަދަދެއްގެ މިސައިލާއި ރޮކެޓް އިސްރާއީލަށް ފޮނުވާލި ފުރަތަމަ ފަހަރުކަމަށްވެސް އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ސިފައިންގެ ރޭޑިއޯ ބުނެފައިވެއެވެ.
އިސްރާއީލުގެ އެތެރެއިން ލިބޭ ޚަބަރުތައް ބުނާގޮތުން ހިޒްބުﷲގެ ބައެއް މިސައިލް ލުބްނާނާ ވަރަށް ދުރުގައި އޮންނަ އިސްރާއީލުގެ ސިޓީއެއްކަމަށްވާ ހައިފާއަށްވެސް ވެއްޓުނެވެ. ހިޒްބުﷲ އަސްކަރީ ހަރަކާތްތައް ހިންގާ ލުބްނާނުގެ ދެކުނުގެ ސަރަހައްދާ ހައިފާއާ ދެމެދު ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރާސްތާއެއް ހުރެއެވެ.
ކުޑަވަގުތުކޮޅެއްގެ ތެރޭގައި 100 މިސައިލުން އިސްރާއީލަށް ހަމަލާދިނުމުން އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމުކަމަށްވާ "އަޔަންޑޯމް" އަށްވަނީ އޭގެތެރެއިން ގިނަ މިސައިލާއި ރޮކެޓް މަތަކުރުމަށް ނުކުޅެދިފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މިސައިލާއި ރޮކެޓް އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ވެއްޓި އެތައް ތަނެއްގައިވަނީ ބޮޑެތި އަލިފާންގަނޑުތަކެއް އުފެދިފައެވެ.
ހިޒްބުﷲއިން އިސްރާއީލަށް 100އަށް ވުރެ ގިނަ މިސައިލާއި ރޮކެޓުން ހަމަލާދީފައި މިވަނީ އިސްރާއީލުގެ ހަމަލާތަކެއްގައި ހިޒްބުﷲގެ ހަތަރު މުޖާހިދަކު ޝަހީދުވުމާ ގުޅިގެންނެވެ. މިސައިލާއި ރޮކެޓުން ހަމަލާ ދިނުމުގެ އިތުރުން ހިޒްބުﷲގެ ޑްރޯންތަކެއް ވެސް ވަނީ އިސްރާއީލުގެ އުތުރަށް ވަދެ ހަމަލާތަކެއް ދީފައެވެ.
ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލުގެ އެތައް އިމާރާތެއް ހަލާކުވެ އެތައް ތަނެއްގައި ރޯވުމުގެ އިތުރުން އިސްރާއީލު ސިފައިންގެ ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ރިޕޯޓްތައް ބުނާގޮތުން ހިޒްބުﷲ އިން މިހާރު ރަޝިއާގެ ހަތިޔާރުވެސް ބޭނުންކުރެއެވެ. އިސްރާއީލުގެ ހަމަލާތައް ދިފާއުކުރުމަށް ހިޒްބުﷲ ގެންގުޅޭ ތިން ބާވަތުގެ ދިފާއީ ނިޒާމުގެ ތެރެއިން އެއް ދިފާއީ ނިޒާމަކީ ރަޝިއާގައި އުފައްދާފައިވާ ދިފާއީ ނިޒާމެއްކަމަށް ވެއެވެ.
ރަޝިއާ ވަނީ އެމެރިކާއާ ދެކޮޅު ޖަމާއަތްތަކާއި ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭނެކަމުގެ އިންޒާރު ދާދިފަހުން ދީފައެވެ. އެއީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާ ދެމުން ގެންދާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.
ނަމަވެސް ހިޒްބުﷲއަށް ހަތިޔާރު ފޯރުކޮށް ދޭކަން ރަޝިއާއިން ކަށަވަރު ކޮށެއް ނުދެއެވެ. ސޫރިޔާއަކީވެސް ރަޝިއާގެ ގިނަ އަދަދެއްގެ ހަތިޔާރު ގެންގުޅޭ ގައުމަކަށްވާތީ ސޫރިޔާއިންވެސް ރަޝިއާގެ ހަތިޔާރު ހިޒްބުﷲއަށް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.