12 Jun 2024, 18:40
ޓެލެގްރާމް ބޭނުންކޮށްގެން ހަށިވިއްކުމާއި އެ ނޫން ވެސް ބަދު އަޚުލާގީ އެކި ކަންކަަމަށް ނެޓްވޯކެއް ހިންގިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފިއެވެ.
އެއީ ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، އަދި ޖަޒީރާ އެސްކޯޓް ގެލެރީ، އާއި ޖަޒީރާ ސްކޭމް އެލާޓްގެ އިތުރުން ޖަޒީރާ ލިންކްގެ ނަމުގައި ޓެލެގްރާމްގައި ހިންގި ގްރޫޕުތަކެކެވެ.
ފުލުހުން މި ގްރޫޕުތައް ހޯދައި ހިފެހެއްޓީ މިދިޔަ މާޗު މަހުގައެވެ.
އެ ތިން މީހުންގެ މައްޗަށް އުފުލި ދައުވާތަކަކީ:
ހަޑި ހުތުރު އެއްޗެއް ރައްދުކުރުމާއި މަނީ ލޯންޑްރިންއާއި ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން
- އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ އެ އާމްދަނީގެ ބޭނުންކުރުން
- މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިޢުކުރުން ނުވަތަ ޢާންމުންނަށް ދެއްކުމަށް ޓަކައި ނެރުން
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދާއި ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ ޢަލީއާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައި ވަނީ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައްރުކޮށް ލޯންޑަރުކޮށްފައިވާތީ ކަމަށެވެ.
އަދި ކުށް ކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ނުވަ މިލިއަން ރުފިޔާ ދައުލަތައް ނަގައިދިނުމަށް އެދިފައިވާނެކަމަށް ބުނެފައެވެ.