13 Jun 2024, 13:09
ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ތުހުމަތުވާ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި މަފާޒްގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ނަދީމްގެ މަރުގައި އިތުރު ތިން މީހަކަށް ވެސް ދައުވާކުރިއެވެ. އެ ތިން މީހުންނަށް ވެސް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ދައުވާއެވެ. އެއީ:
ރ. އިންނަމާދޫ، ސަމަންޓާ، ހުސައިން ޝާމިން
- ގއ. ގެމަނަފުށީ، ހަވާސް، މުޙައްމަދު ކަރަމް ސުލައިހް
- ލ. ގަން، ވިދާތަރި، ޢަލީ ނިފާޒް
އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު، ދައުލަތުން ވަނީ މަފާޒް ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދިފައެވެ.
ހައިކޯޓުން މިއަދު ވަނީ މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ، އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުށް ސާބިތުނުވެ މަފާޒް ދޫވި ފަހުން ވެސް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަކާއި ފުލުހުންނަށް ހުރަސްއެޅުމުގެ މައްސަލައެއް އަދި ތޫނު ހަތިޔާރެއް ގެންގުޅުމުގެ ކުށް ވެސް ހިމެނޭކަން ހައިކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. އެ ތިން މައްސަލައިގައި ވެސް އޭނާ ބަންދުކޮށްފައިވެއެވެ.
އެހެންވެ، އޭނާގެ މައްޗަށް ދަށު ކޯޓުގައި މިހާރު ވެސް އިތުރު ދެ ދައުވާއެއް ކުރިއަށްދާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
"[މަފާޒަކީ] ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށް ބެލެވޭ. މި ކަންކަން މިހެން ހުރުމުން އިސްތިއުނާފު ނިމެންދެން މުހައްމަދު މަފާޒް ހުސައިން ސަލީމް މުޖުތަމައަށް ދޫވެފައި ހުރެއްޖެ ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހްތިމާލު އޮތް ކަމަށް ބެލެވޭ،" ހައިކޯޓުގެ އަމުރުގައިވެއެވެ.
ހައިކޯޓުން މިދިޔަ ޑިސެމްބަރު 26 ގައި މި މައްސަލައިގައި ހިމެނޭ ނިފާޒް ބަންދުކުރަން ވެސް އަމުރުކޮށްފައިވެއެވެ.
މޫނު ނިވައިކޮށްގެން ތިބި ބަޔަކު ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ ޖުލައި 27، 2017 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރެއިންނެވެ. އެ ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުންދަނިކޮށް ނަދީމް މަރުވީ ދެ ދުވަސް ފަހުންނެވެ.
މޫނު ނިވާކޮށްގެން ނަދީމަށް ހަމަލާދިން މީހުންގެ މޫނު ފެނުން ކަމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިންތަކެއް ހެކިބަސް ދިން ނަމަވެސް، ފަހުން އެ މީހުން ވަނީ ހެކިބަސް އަނބުރާ ގެންގޮސްފައެވެ.