13 Jun 2024, 21:08
ޓެލްއަވީވު (13 ޖޫން 2024): އެމެރިކާގެ ބިޔަ ކުންފުންޏެއްކަމަށްވާ "އިންޓެލް" އިން އިސްރާއީލުގައި ކުރުމަށް ރާވާފައިވާ 25 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ މަސައްކަތް ހުއްޓާލަން އެކުންފުނިން ނިންމައިފިއެވެ.
އިންޓެލްއިން ބުނީ އިލެކްޓްރޯނިކް ޗިޕްސް އާއި ޕްރޮސެސާ އުފެއްދުމަށް އިސްރާއީލުގައި 25 ބިލިޔަން ޑޮލަރު އިންވެސްޓްކުރަން ރޭވިރޭވުން ކުރިޔަށް ނުގެންދަން ނިންމީ ގިނަ ސަބަބުތަކަކާ ގުޅިގެންކަމަށާއި އޭގެތެރޭގައި ހަމާސް އާއި ހިޒްބުﷲ އާއެކު އިސްރާއީލު ކުރަމުންގެންދާ ހަނގުރާމަތަކާއެކު އިސްރާއީލުގައި ރައްކާތެރިކަން ނެތުން ހިމެނޭއިރު ހަނގުރާމައިގެ ނޭދެވޭ އަސަރުކުރާ ތަނަކަށް އިސްރާއީލުވެފައިވާ ކަމަށެވެ.
އިންޓެލްއަކީ އިސްރާއީލަށް ހަމްދަރުދީވާ ކުންފުންޏެވެ. ޔަހޫދީ ޒަޔަނިސްޓު މަހުޖަނުންގެ މަސްލަހަތު އޮންނަ އެމެރިކާ ކުންފުންޏެވެ. އެހެންކަމުން މި 25 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ހުއްޓާލަން ނިންމި ކަމަށްވިޔަސް މިކަން ފޫބެއްދުމަށްޓަކައި އިސްރާއީލުގައި އުފައްދާ އެކިބާވަތުގެ އިލެކްޓްރޯނިކް އުފެއްދުންތައް ކުރިޔަށް 10 އަހަރުތެރޭގައި އެކުންފުނިން ގަންނާނެއެވެ. އިންޓެލް ބުނާގޮތުން މި މުއްދަތުގެ ތެރޭގައި އެކުންފުނިން 16 ބިލިޔަން ޑޮލަރުގެ އިލެކްޓްރޯނިކް އުފެއްދުން އިސްރާއީލުން ގަންނާނެއެވެ.
އިންޓެލްއިން އިސްރާއީލުގެ ހަތަރު ސަރަހައްދެއްގައި މިހާރުވެސް އިންވެސްޓްކޮށް ކާރުޚާނާތައް ބިނާކޮށްގެން ތަކެތި އުފައްދަމުން ގެންދެއެވެ. އެތަންތަނުން އުފައްދާ ޗިޕްތަކުގެ ތެރޭގައި އިންޓެލް 7 ޓެކްނޮލޮޖީގެ ޗިޕްތަކާއި 10 ނެނޯމީޓާސްގެ ޗިޕްތައް ހިމެނެއެވެ. އެތަންތަނުން އިސްރާއީލުގެ 12،000 މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިފައިވެއެވެ.
"އިންޓެލް" އިން އިސްރާއީލުގައި ކުރުމަށް ރާވާފައިވާ 25 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކީ ވަރަށް ބިޔަ އިންވެސްޓްމަންޓެކެވެ. މި އިންވެސްޓްމަންޓްގެ ދަށުން އިސްރާއީލުގައި ބިނާކުރުމަށް އިންޓެލްއިން ރާވާފައިވަނީ ވަރަށް ގިނަ ބާވަތުގެ ޗިޕްތައް އުފައްދާ ބިޔަ ކާރުޚާނާއެކެވެ. އެކާރުޚާނާ ބިނާކޮށް ނިންމާގޮތަށް އޮތީ 2028 ވަނަ އަހަރުއެވެ. މި ކާރުޚާނާއިން އިސްރާއީލުގެ އިތުރު 20 ހާސް މީހުންނަށް ވަޒީފާ ލިބިގެންދާނެއެވެ.
އެހެންކަމުން މި އިންވެސްޓްމަންޓް ކުރިޔަށް ނުގެންދިޔުމަށް އިންޓެލްއިން ނިންމި ނިންމުމަކީ ހަގީގަތަށް ބަލާއިރު އިސްރާއީލަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ. އިސްރާއީލުގެ މާލީ ވުޒާރާ ބުނާގޮތުން 25 ބިލިޔަން ޑޮލަރުގެ މި އިންވެސްޓްމަންޓް ހުއްޓާލަން ނިންމިކަން އިންޓެލްއިން މިހާރުވަނީ އެވުޒާރާއަށް އަންގާފައެވެ.
އިސްރާއީލުގެ ކުންފުންޏެއްކަމަށްވާ އޯޕީސީ އެނާޖީން މިދިޔަ މާޗް މަހުވަނީ އިންޓެލްގެ ބޭނުންތަކަށް ޚާއްސަކޮށްގެން އިސްރާއީލުގެ ކްރިޔަޓް ގާޓް ސަރަހައްދުގައި އެއްބިލިޔަން ޑޮލަރުގެ ޕަވާ ސްޓޭޝަނެއް ބިނާކުރަން ނިންމާފައެވެ. ނަމަވެސް އިސްރާއީލުގެ ހަތަރު ސަރަހައްދެއްގައި "އިންޓެލް"އިން ކުރުމަށް ރާވާފައިވާ 25 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރިޔަށް ނުގެންދާގޮތަށް ނިންމުމުން އޯޕީސީ އެނާޖީންވެސް މިހާރުވަނީ އިންޓެލްގެ ބޭނުންތަކަށް ޚާއްސަކޮށްގެން ބިނާކުރަން ނިންމި ޕަވާ ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ނުގެންދާ ގޮތަށް ނިންމާފައެވެ.
އެމެރިކާއާއި ޔޫރަޕްގެ އެހީގައި ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދާފައިވާއިރު އިސްރާއީލަކީ އެހެން ގައުމުތަކާ އެއްގޮތަށް ނޯމަލް ދައުލަތެއް ނޫނެވެ. އިސްރާއީލަކީ ދުނިޔޭގެ އެކި ގައުމުތަކުން ފަލަސްތީނުގެ ބިމަށް ޔަހޫދީން ގެނަސްގެން އުފައްދާފައިވާ ޣައިރު ގާނޫނީ ދައުލަތެކެވެ. އެދައުލަތަށް ގާނޫނީ ހައްސިއްޔަތު ދީގެން އުޅެނީ އެމެރިކާއާއި ޔޫރަޕުން އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައަށް ބާރާއި ނުފޫޒު ހިންގައިގެން އަސްކަރީ ބާރުގެ އެހީގައެެވެ.
ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ދައުލަތެއްގެ ގޮތުގައި ނަމަވެސް އިސްރާއީލު ދެމިއޮތުމުގެ މައިގަނޑު އަސާސަކީ އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން އޮތުމެވެ. މި ރައްކާތެރިކަން ނެތްނަމަ އިސްރާއީލު ރޫޅިގެން ދާނެއެވެ. ނެތިގެންދާނެއެވެ.
ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކާ އަދި އީރާނުގެ މަދަދުލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން މަސައްކަތްކުރަނީ އިސްރާއީލުގެ މި ހައްސާސް ހަގީގަތް އެނގިގެންނެވެ. މި ޖަމާއަތްތަކުގެ ބޭނުމަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން ލިބުނަ ނުދިނުމެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން ނޯންނާނެކަން އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކަށާއި އިސްރާއީލުގައި އިންވެސްޓް ކުރާ ފަރާތްތަކަށްވެސް އަންގައި ދިނުމެވެ.
ހަމާސް އިން މިދިޔަ އޮކަޓޯބަރު ހަތެއްގައި އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީވެސް މިއެވެ. އަދި ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ޣައްޒާގައި އިސްރާއީލަށް އަސްކަރީ ގޮތުން ކާމިޔާބު ލިބުމުގެ ފުރުސަތު ނުދޭން ހަމާސް އާއި ފަލަސްތީނުގެ ޖަމާއަތްތަކާ އަދި ހިޒްބުﷲ އިން މަސައްކަތްކުރަނީވެސް މިހެންވެއެވެ.
އިސްރާއީލުގައި މިހާރު އަމާންކަމެއް ނެތެވެ. ހިޒްބުﷲގެ ދިގުރާސްތާގެ މިސައިލްތަކަކީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ފޯރާފަދަ މިސައިލެވެ. އަނެއްކޮޅުން ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއެކުވެސް ހަމާސް އަކީ އަދިވެސް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ހަމަލާދިނުމުގެ ގާބިލްކަން އަދިވެސް ލިބިފައިވާ ޖަމާއަތެކެވެ.
އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ދިން ހަމަލާތަކާއި ޣައްޒާގެ ހަނގުރާމައާއެކު އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އުޅޭ ޔަހޫދީ ވަޒަންވެރިންގެ ގާތްގަނޑަކަށް ނުވަ ލައްކައެއްހާ މީހުން ވަނީ އިސްރާއީލު ދޫކޮށް އެމީހުންގެ އަސްލު ގައުމުތައް ކަމަށްވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް އެނބުރި ގޮސްފައެވެ. މިއީވެސް އިސްރާއީލުގެ އިގްތިސާދަށް ލިބެމުންދާ އާދަޔާ ޚިލާފު ގެއްލުމެކެވެ. އަދި އިސްރާއީލު ރޫޅިގެން ދިޔުމަށް މަގުފަހިވާ ކަމެކެވެ.