ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބާއްވާފައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ހޯދަން ކުރި މަސައްކަތުން އެ ކަމުގެ ފަހަތުގައި ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް އޮތްކަން އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވިދާޅުވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު އެއާޕޯޓުން ވަގަށް ނަގައިގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެއަށް ކަމަށެވެ. އެއަށް ފަހުގައި ހުޅުމާލޭ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ އޮރެންޖް ބިލްޑިން ކައިރީ ބާއްވައިގެން އުޅަނދުގެ ބޯޑު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، ބޯޑު ބަދަލުކުރުމަށް ފަހު އުޅަނދު މާލެއަށް ގެންގޮސް މި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގި ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވައްދާތަން ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

އެހެންވެ، ފުލުހުންގެ ތަހުގީގު ޓީމުން އެ ގަރާޖު ކުއްޔަށް ނަގައިގެން އުޅޭ މީހާގެ ހާޒިރުގައި އެ ތަން ބަލައި ފާސްކުރީއިރު އެމްއޭސީއެލުން ވަގަށް ނެގި އުޅަނދު ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އޭގެ ކުރިން އިމިގްރޭޝަނުން ވެސް ހަތަރު ފުރޮޅުލީ އުޅަނދެއް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާފައިވާތީ އެ ގަރާޖު އިތުރަށް ބެލިއިރު އިމިގްރޭޝަންގެ އުޅަނދު ވެސް އެ ގަރާޖުން ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެންދާ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޚާއްސަކޮށް އޭގެ އަސްލު އޮޅުވާލުމަށްޓަކައި އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ކަހާލުމަށް ފަހު، ފުޅާ ދާއިރާއެއްގައި މާލޭގައި މި ވިޔަފާރި މި ދެންނެވި ފަރާތުން ކުރަމުންދާކަން ފާހަގަކުރެވިފައިވަނީ،" ދާއޫދު ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން ވަނީ ގިނަ އަދަދެއްގެ ކާރު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓެވެ. އެކަމަކު، ފުލުހުން ބުނީ، އެމްއޭސީއެލްގެ އުޅަނދު ވަގަށް ނެގީ އެ ކުންފުނީގައި މަސައްކަތްކުރި މުހައްމަދު ހައިޝަމް، 42، މ. ސީނިއަސުރުމާގެ، އެހީތެރިކަމާ އެކުގައި ކަމަށެވެ.

ދާއޫދު ވިދާޅުވީ، ނިޒާމްގެ ނަން މަތީގައި 100 އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އުޅަނދުފަހަރު ރަޖިސްޓްރީކޮށްފައިވަނީ އަންހެނުންނާ އެކު ދެ މީހުންގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން، ނިޒާމްގެ އަންހެނުންގެ ނަން މަތީގައި 42 އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ދާވޫދު ވިދާޅުވިއެވެ.

އެހެންވެ، ފުލުހުން އަންނަނީ އެ މައްސަލައާ ގުޅިގެން ސީރިއަސް ތަހުގީގެއް ކުރަމުންނެވެ.

މި މައްސަލައިގައި ހިމެނޭ ނިޒާމްގެ މައްސަލަ ދައުވާ ކުރަން މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އޭނާއާ އެކު ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ބައިވެރިވި މީހުން ހޯދަން ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަގަށް ނަގައި އުޅަނދުތަކުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ފުހެލުމަށް ފަހު، ވަގު ރަޖިސްޓްރީތައް ހަދާފައިވުމުން އެގޮތަށް ވަގަށް ނަގާފައިވަނީ ސީދާ ކިތައް ވެހިކަލް ކަމެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.