13 Jun 2024, 17:12
ދަރިވަރުން ސްކޫލުގައި ހަދާ އިމްތިހާނުތަކުން 50އަށް ވުރެ މަތިން މާކްސް ހޯދައިފިނަމަ ސަރުކާރުން އޭއެސް އިމްތިހާނަށް ފައިސާ ދައްކައިދޭ ގޮތަށް, އުސޫލަށް ބަދަލު ގެނެސްފިއެވެ.
މަތީ ސާނަވީ ދަރިވަރުންގެ އިމްތިހާނަށް ފީ ދައްކައިދޭ އުސޫލު ބަދަލުކޮށް އެޑިއުކޭޝަން މިނިސްޓަރު ސޮއި ކުރައްވައި ނެރުއްވި ސާކިއުލާއެއް މިހާރު ވަނީ ސްކޫލުތަކާ ހިއްސާ ކޮށްފައެވެ.
އޭއެސް އިމްތިހާނަކީ އޭލެވެލްގެ ފުރަތަމަ އަހަރު ގުރޭޑު 11ގައި ދަރިވަރުން ހަދާ އިމްތިހާނެކެވެ. މީގެ ކުރިން ސަރުކާރުން ދަރިވަރުންގެ އޭއެސް އިމްތިހާނަށް ފައިސާ ދައްކައިދެނީ ޖުމްލަ އެ މާއްދާއަކުން ހޯދާ މާކުސް 60އަށް ވުރެ މަތި ވުމުންނެވެ.
ނަމަވެސް އާ ސާކިއުލާއާ އެކު މިހާރު ދަރިވަރުން ސްކޫލުގައި ހަދާ އިމްތިހާނުން 50އަށް ވުރެ މަތިން މާކްސް ހޯދައިފި ނަމަ ނުވަތަ ސީ ގުރޭޑަށް ވުރެ ދަށުން މާކްސް ހޯދި ނަމަވެސް ސަރުކާރުން އެ ދަރިވަރެއްގެ އޭއެސް އިމްތިހާނަށް ފައިސާ ދައްކައިދޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ގޮތަށް މަގު ފަހި ކޮށްދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.