13 Jun 2024, 19:20
ކައިރި ކައިރީގައި ހިނގި ތިން މަރުގައިވެސް މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވަނީ މިއަހަރު ކައިރިކައިރީގައި ހިނގައިދިޔަ މަރުގެ މައްސަލަތަކާ ބެހޭ ގޮތުހުން މައުލޫމާތު ދެއްވައިފައެވެ.
އޭގެތެރޭގައި ހިމެނެނީ:
މެއި މަހުގެ 13ގައި މަރުވެފައި އޮއްވައި ފެނުނު ގދ. ހޯޑެއްދޫ އުމުރުން 30 އަހަރުގެ ހައްމާދު ސައީދު
- މެއި މަހުގެ 20ގައި މަރުވެފައި އޮއްވައި ފެނުނު މއ. ބޯޅަކިންކިރިމާގޭ، އުމުރުން 30 އަހަރުގެ އަހްމަދު އައިމަން
- މެއި މަހުގެ 25ގައި މަރުވެފައި އޮއްވައި ފެނުނު އުމުރުން 25 އަހަރުގެ ނޭޕާލު އަންހެނެއް
ސާމިހު ވިދާޅުވީ މި ތިން މީހުންގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ހާނިއްކައެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ފެނިފައި ނުވާ ކަމަށެވެ.
ބިދޭސީ އަންހެން މީހާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އޭނާއަކީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެ އައިސް މާލޭގެ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭނާގެ މަރާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބިދޭސީ މީހާއާއެކު މާލޭގެ މަގުމަތީގައި ހަރަކާތްތެރިވި މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.
"ނިޔާވި މީހާ އެކަނި މި ދެންނެވި ސަރަހައްދުން ހިނގާފައި ގޮސް ސިނަމާލެ ބުރިޖަށް އަރައިގެން ދާ މަންޒަރު ވެސް ސީސީޓީވީ ފުޓެޖުގެ އެހީގައި އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އެގޮތުން މި ދެންނެވި ފަރާތް އެންމެ ފަހުން ދިރިހުއްޓައި ފެނިފައި ވަނީ މި ދެންނެވުނު ދުވަހުގެ 11:27ހާއިރުގައި،" އޭނާ ވިދާޅުވިއެވެ.
ސާމިހު އިތުރަށް ވިދާޅުވީ އޭނާ މިހާތަނަށް ދިރިއުޅެމުން އައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާއެކު ކަމަށެވެ.
"މިހާތަނަށް ތަހުގީގުން ކުރެވުނު މަސައްކަތުން މި މަރަކީ އިތުރު ފަރާތެއްގެ ސީދާ ބައިވެރިވުމެއް އޮވެގެން ހިނގާފައިވާ މަރެއް ކަމަކަށް ނުބެލެވޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މައްސަލަ ތަހުގީގު އެއްކޮށް ފުރިހަމަ ކުރުމަށް އަދިވެސް މަސައްކަތްތައް ކުރިއަށްގެންދާކަން ސާމިހު ފާހަގަކުރެއްވިއެވެ.
ހައްމާދުގެ ހަށިގަނޑު، ބަނޑޭރިކޮށީ 228 ވަނަ ގެއިން ފެނުނީ ކުނިވަސް ދުވާތީ ހުށަހެޅި މައްސަލައަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އައިމަންގެ ހަށިގަނޑު ފެނުނީ މ.ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކަރަމުން ދަނިކޮންނެވެ.